ޚަބަރު

ނިއުމަތަށް ކުފުރުވުން އާންމުވުމަކީ އިންސާނުންގެ ނަފްސުތައް ﷲ ގެ ކޯފާއަށް ހުށަހެޅިދާނެ ކަމެއް: ހުތުބާ

މާތް ﷲ ކަނޑައަޅުއްވާފައިވާ ގަވާއިދުތައް މުގުރާލައި ހިތު ހުރި ގޮތަކަށް އުޅުމަކީ އެކަލާނގެ ދެއްވި ނިއުމަށް ނިއުމަތަށް ކުފުރުވުން ކަމަށާއި އެފަދަ ކަންތައް އާންމު ވުމަކީ އިންސާނުންގެ ނަފްސުތައް މާތްﷲ ގެ ކޯފާއަށް ހުށަހެޅިގެން ހިނގައިދާނެ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

ފާފަތަކާ ދުރުހެލިވުމުގެ މުހިންމުކަމުގެ މައްޗަށް މިއަދު ދިން ހުތުބާގައި ބުނީ، އިންސާނުންގެ ދިރިއުޅުމުގައި ތަފާތު ކަންކަމާއި ކުރިމަތިލާން ޖެހޭއިރު އޭގެން ބައެއް ކަންކަމާއި ކުރިމަތިލާން ޖެހެނީ އިންސާނުންގެ އަމަލުތައް ހުންނަ ގޮތުން ކަމަށެވެ. އަދި އިންސާނާގެ އަމަލުތަކުގެ ސަބަބުން ދިމާވާ ކަންކަމާ މެދު އިންސާނުން މަސްއޫލުވެ ސަމާލުވާންޖެހޭ ކަމަށް ބުނެފައިވެއެވެ.

އެގޮތުން އެބައިމީހުންގެ ގުޅުންތަކާއި އުޅުންތައް އެބައިމީހުން ހެއްދެވި ފަރާތުގެ އަމުރުފުޅުތަކާ އެއްގޮތަށް ބަހައްޓާ ކަމުގައިވާނަމަ އެބައިމީހުންގެ ތެރޭގައި ބޭރުފުށާއި އެތެރެފުށުގެ ސާފުކަމާއި ތާހިރުކަން ފެތުރިދާ ކަމަށާއި ބަލިތަކުން ދުރުހެލިވެ، ރައްކާތެރިކަން ލިބިދޭ ކަމަށް ބުނެފައިވެއެވެ. އަދި ހިތްހަމަޖެހުމާއި އަމާންކަން ވެސް ފެތުރިދާ ކަމަށެވެ.

ނަމަވެސް ﷲގެ އަމުރުފުޅުތަކަށް ކިޔަމަން ނުވެ، ނަހީ ކުރައްވާފައިވާ ކަންތައްތަކުން ދުރުހެލި ނުވެއްޖެނަމަ، ހީވެސް ނުކުރާފަދަ ދަތި އުދަނގޫ ކަންތަކާއި ކުރިމަތިލާން ޖެހޭނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

އެގޮތުން ބައެއް ފަހަރު ހައިހޫނުކަމާއި ކުރިމަތިލާން ޖެހޭއިރު އަނެއްބައި ފަހަރު ބަލިމަޑުކަމާއި މުޖުތަމައުގައި އޮންނަ އަމާންކަން ގެއްލި ބިރުވެރިކަމާއި ނުތަނަވަސްކަން ފަދަ ކަންކަމާއި ކުރިމަތިލާންޖެހޭ ކަމަށް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ، މާތް ﷲ ދެއްވި އެންމެ އަގު ބޮޑު އެއް ނިއުމަތަކީ އެކަލާނގެ އަޅުތަކުންނަށް ހިދާޔަތާއި ތެދުމަގު ދެއްކެވުމަށްޓަކައި އެކަލާނގެ ބާވައިލެއްވި އެކަލާނގެ ފޮތް ކަމަށެވެ. އެ ފޮތުގައި ހަރާމް ކުރައްވާފައިވާ ކޮންމެ ކަމަކީ އިންސާނުންނަށް ގެއްލުމާއި ހަލާކު ހުރި ކަންކަން ކަމަށާއި އަދި ހުއްދަ ކުރައްވާފައިވާ ކޮންމެ ކަމަކީ އެކަމުން މުޅި އިންސާނިއްޔަތަށް ލާބަ އާއި މަންފާ ހުރި ކަންކަން ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

އެގޮތުން މީހުން މެރުމާއި ޒިނޭ ކުރުމާއި ވައްކަން ކުރުމާއި ފޭރުމާއި ދެޖިންސު މައްސުނިވެގެން ހިންގޭ ފާހިޝް އަމަލުތަކާއި މަސްތުވާ ތަކެތި ބޭނުންކުރުން ފަދަ ނުބައި އަމަލުތައް ހަރާމް ކުރައްވާފައިވަނީ އޭގެ ސަބަބުން އިންސާނިއްޔަތަށް ގެއްލުމާއި ހަލާކު މެދުވެރިވާތީ ކަމަށާއި އެކަންކަން ހުއްޓުވުމަށްޓަކައި ޝަރީއަތުގައި ކަނޑައަޅުއްވާފައިވާ އަދަބުތައް ތަންފީޒު ކުރުމަކީ އިންސާނީ ދަރިފަސްކޮޅަށް ހަމަޖެހުމާއި އަމާންކަން ﷲ މިންވަރު ކުރައްވާނެ ކަމެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

"މާތް ﷲ ކަނޑައަޅުއްވާފައި ގަވާއިދުތައް މުގުރާލައި ހިތު ހުރި ގޮތަކަށް އުޅުމަކީ އެކަލާނގެ ދެއްވި ނިއުމަތަށް ކުފުރު ވުމެވެ. އެފަދަ ކަންތައް އާންމު ވުމަކީ އަހަރެމެންގެ ނަސްފުތައް މާތް ﷲ ގެ ކޯފާ އަށް ހުށަހެޅިގެންދާނެ ކަމެކެވެ.... ނުބައި އަމަލުތަކުން ދުރުހެލި ނުވެ، ހަވާނަފްސަށް ތަބާވެގެން އުޅުމަކީ، މާތް ﷲ ގެ ކޯފާ، އެބަޔަކަށް ހައްގުވެދާނެ ކަމެކެވެ. ހަމައެއާއެކު ދުނިޔޭގައި އެބައިމީހުންނަށް ނުރައްކަލާ ކުރިމަތިވާ ކަމެކެވެ،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި އިތުރަށް ވަނީ، ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ވަހަކަތަކުން އިބުރަތް ލިބިގަތުމަށާއި ކުޑަ ހިނދުކޮޅެއްގެ އުފަލާއި ހިތްހަމަޖެހުމަށްޓަކައި ތިޔަބައިމީހުންގެ ހަށިތައް ނުރައްކަލުގެ ތެރެއަށް އެއްލައިނުލުމަށް ގޮވާލައިފައެވެ. އަދި ﷲ އާއި، އެކަލާނގެ ރަސޫލާ، ދައްކަވާފައިވާ މަގަށް ތަބާވެ، ދުނިޔެ އާއި، އާހިރަތުގެ ބާއްޖަވެރިކަން ހޯދަން މަސައްކަތް ކުރުމަށް ވެސް ގޮވާލިއެވެ.

ހުތުބާގައި ބުނީ، ހުވަފެނެއް ފަދަ ދުނިޔޭގެ އުފަލާއި އަރާމަށް ހެއްލި، ތިމާއަށް ލިބިފައިވާ ޖާހާއި މުއްސަނދިކަން ފެނި، ޣާފިލު ކަމުގައި ތިބުމަކީ ވެސް ﷲގެ ރުހިވޮޑިގަތުމާއި ދުރަށް މީހާ ގެންގޮސް ފާފައިގެ ތެރެއަށް މީހާ ވައްދާ ކަމެއް ކަމަށެވެ.

އެގޮތުން ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ބަލިމަޑުކަމާއި ވަބާތަކާ މެދު ވިސްނާލައިފިނަމަ އޭގެ އެންމެ ނުރައްކާތެރި އެއް ބާވަތަކީ ނަހަމަ ޖިންސީ ގުޅުމުގެ ސަބަބުން ޖެހޭ ބަލިތައް ކަމަށާއި އެފަދަ ބަލިމަޑުކަން އިންސާނުންގެ ތެރޭގައި ފެތުރެނީ އިންސާނުން އަމިއްލައަށް ކުރާ ނުބައި އަމަލުތަކާއި އެކަމަށް މާތް ﷲ ކަނޑައަޅުއްވާފައިވާ ތަބީއީ ނިޒާމުން އެއްކިބާވެ، އެއްޖިންސުގެ ގުޅުމާއި ކައިވެނިން ބޭރުގައި ހިންގޭ ބަދުއަހުލާގީ އަމަލުތަކުގެ ތެރެއަށް ގެނބިގެން ދިއުމުގެ ސަބަބުން ކަމަށް ހުތުބާގައި ފާހަގަކުރިއެވެ.

ހުތުބާގައި ބުނީ، އެފަދަ އަމަލުތައް ބައެއްގެ ތެރޭގައި ގިނަވެއްޖެނަމަ ކުރީގެ އުންމަތްތަކުގެ ތެރެއަށް ފާޅު ނުކުރައްވާ ބަލިމަޑުކަމާއި ވަބާތައް އެބަޔެއްގެ ތެރޭގައި ފާޅު ކުރައްވާނެކަމުގެ އިންޒާރު ކީރިތި ރަސޫލާ ދެއްވާފައިވާ ކަމަށެވެ.

އެހެންކަމުން އެފަދަ ނުރައްކާތެރި ބަލިތަކުން މުޖުތަމައުތައް ސަލާމަތް ވާނީ އިސްލާމް ދީނުގެ އިންތަކާއި އިސްލާމީ އުސޫލުގައި ހިފަހައްޓައިގެން ކަމަށާއި އަދި ގިނަގިނައިން ފާފަ ފުއްސެވުމަށް އެދި ދުއާ ކޮށްގެންކަމަށް ހުތުބާގައި ބުނެފައިވެއެވެ. އަދި ބުނީ، ހައްގު ގޮތުގައި ﷲ އަށް ތަހުވާވެރިވެ، ބިރުވެތި ވާންޖެހޭ ކަމަށާއި ﷲ ކަނޑައަޅުއްވާފައިވާ ގޮތް ނޫން އެހެން ގޮތްތަކެއް އިންސާނުން އަމިއްލައަށް ގެނެސްފިނަމަ އެބައިމީހުންނަށް ކުރިމަތިވާނީ ނުރައްކަލާއި ގެއްލުމާއި ހަލާކު ކަމަށެވެ.