ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ރޭ އިރާކޮޅު ގެއްލުނު މީހާ ހޯދުމަށް އެމްއެންޑީއެފުން ޑައިވިން ރޮބަޓާއި ހެލިކޮޕްޓަރު ބޭނުން ކުރަން ފަށައިފިއެވެ.
ރޭ 7:07 ހާއިރު ބ. ދޮންފަނު ކައިރިން ބ. އޭދަފުށީ ލޯންޗަކާއި ބ. ދަރަވަންދޫން ފުރައިގެން ދަތުރުކުރަމުންދިޔަ ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓަކަށްފަހު ގެއްލިގެން ހޯދަމުންދަނީ ބ. އޭދަފުށީ، މުސްތަރީގެ ނަސްރުﷲ އަބްދުﷲ، 41 އ. އެވެ.
އެމްއެންޑީއެފުން ބުނީ، ގެއްލުނު މީހާ ހޯދުމަށް އެމްއެންޑީއެފް ނޮދާން އޭރިއާ އިން ފަށާފައިވާ ހާއްސަ އޮޕަރޭޝަންގައި ކޯސްޓްގާޑުގެ މަނަވަރު ޝަހީދު އަލީ ވެސް ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އޭގެ އިތުރުން އޭނާ ހޯދުމުގައި ކޯސްޓުގާޑުގެ ގިނަ އަދަދެއްގެ ޑައިވަރުންނާއި ޑައިވިން ރޮބަޓް ބޭނުން ކުރަމުންދާއިރު، ވައިގެ މަގުން އޭނާ ހޯދުމުގައި ހެލިކޮޕްޓަރު ބޭނުން ކުރަމުންދާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.
ރޭ ހިނގި އެކްސިޑެންޓުގައި ނަސްރުﷲ ހުރި ޑިންގީގައި ދެން ތިބީ އުމުރުން 42 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ ފިރިހެނެކެވެ. އެކްސިޑެންޓަށްފަހު އެ ދެ މީހުން ލޯންޗަށް ވަނީ ނަގައިފައެވެ. ނަސްރުﷲ އޭނާގެ އެކުވެރީންނާ އެކު ޑިންގީގައި ނުކުތީ މަސްވެރިކަން ކުރުމަށެވެ.