ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލުއަ ޝުގަންގް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ރައީސްއާއި ޗައިނާގެ ސަފީރުގެ ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ދިވެހިރާއްޖެއާއި ޗައިނާއާ ދެ ގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް ގުޅުމުގެ އަގުވަޒަންކުރައްވައި، ޗައިނާއަކީ އިގްތިސާދީ ގޮތުން ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ ގައުމެއް ކަމަށް ހާމަކުރައްވައިފައެވެ. އަދި އެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރެވިދާނެ ކަންތައްތަކަށް އަލިއަޅުއްވައިލައްވައި ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވެއެވެ.
ރައީސް ވަނީ ޗައިނާއާ ގުޅިގެން މިހާރު ކުރިއަށްދާ މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި ކުރިމަގުގައިވެސް އިތުރު މަޝްރޫއުތައް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ. އޭގެ އިތުރުން އިޖްތިމާއީ ދުޅަހެޔޮކަން އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާ ގުހޭގޮތުން ވެސް ވާހަކަފުޅުދެއްކެވިއެވެ.