ޚަބަރު

އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އެމްޑީއޭ އިން މަރުހަބާ ދަންނަވައިފި

އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބު ތަނަވަސް އަޣުލަބިއްޔަތަކުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު ކާމިޔާބުު ކުރެއްވުމާ ގުޅިގެން އެމްޑީއޭ އިން އެމަނިކުފާނަށް މަރުހަބާ ދަންނަވައިފި އެވެ.

އެމްޑީއޭ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ "އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބު ތަނަވަސް އަޣުލަބިއްޔަތަކުން އެމްޑީޕީގެ ކެންޑިޑޭޓް އޮނަރަބަލް އިބްރާހީމް މުހައްމަދު ސޯލިހު ތަނަވަސް އަޣުލަބިއްޔަތަކުން ކާމިޔާބުކުރައްވާފައި ވާތީ، އެމްޑީއޭގެ އެންމެހާ މެންބަރުންގެ ނަމުގައި އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަރަށް ހޫނު މަރުހަބާ އެއް ދަންނަވާ" ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމަކީ ދިވެހިރާއްޖޭގައި އެއްވެސް ރައްޔިތަކު ތަފާތުކުރުމެއް ނެތި އިންސާފާއި އަދުލުވެރިކަމާއި ހަމަހަމަކަން ގާއިމުކުރެވޭ ހެޔޮވެރިކަމަކަށް ވާނޭ ކަމަށް އެމްޑީއޭ އިން އުއްމީދުކުރާ ކަމަށެވެ.

ކުރިޔަށް އޮތް ފަސް އަހަރަށް ދިވެހި ރައްޔިތުން މިގައުމުގެ ހިންގުން އޮނަރަބަލް އިބްރާހީމް މުހައްމަދު ސޯލިހާ ހަވާލުކުރުމަށް ނިންމާފައިވާ ނިންމުން ގަބޫލުކުރައްވައި ވެރިކަމުގެ ބާރުތައް ހަވާލުކުރުމުގެ މަރުހަލާ ވީހާވެސް އަމާން ކަމާއި އޮމާންކަމާ އެކު ކުރިޔަށް ގެންދިއުމުގެ މަސައްކަތް ކުރައްވާނޭ ކަމުގެ ޔަގީންކަން ރައީސް އަބްދުއްﷲ ޔާމީން ދެއްވާފައި ވާތީ އެމަނިކުފާނަށް އެމްޑީއޭގެ ބަޔާނުގައި ވަނީ މަރުހަބާ ދަންނަވައިފަ އެވެ.

އެމްޑީއޭގެ ބަޔާން ނިންމައިލަމުން ބުނެފައި ވަނީ ރައްޔިތުންނާ ގުޅުން ހުރި ހުރިހައި ކަމެއްގައި ވެސް ރައްޔިތުންގެ ރޫހާ އެއްގޮތަށް އަޑު އުފުލުމުގައި އެޕާޓީ އަބަދުވެސް ދެމިއޮންނާނޭ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށެވެ.