ކަފިހި ހުރަސް މަތިން މިސްކިތަށް ދިޔަ އުމުރުން ދުވަސްވީ މީހެއްގެ ގައިގައި ސައިކަލަކުން ޖެއްސުމަށްފަހު ފިލި މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނީ މިރޭ 7:38 ހާއިރު ފުރުގާން މިސްކިތް ކައިރީ ކަފިހި ހުރަސް މަތިން މިސްކިތަށް ދިޔަ އުމުރުން ދުވަސްވީ މީހެއްގެ ގައިގައި ސައިކަލަކުން ޖެއްސުމަށްފަހު ފިލި މީހަކު ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 56 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އަނިޔާވި މީހާގެ ބޯފަޅައިގެން ގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ އެ މީހާއަށް ސީރިއަސް އަނިޔާއެއް ވެފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ސީސީޓީވީ ފުޓޭޖް ބަލައި ފިލި މީހާ ދުއްވި ސައިކަލު ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި މިހާރު ސައިކަލު ދުއްވި މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.