ޚަބަރު

ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދިނުމަކުން ނުފުދޭ، ތަރައްގީ ކުރުން އަވަސް ކުރޭ: އިދިކޮޅު

މުހައްމަދު ޝަހީމް

ހދ. ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދިނުމަކުން އަދި ނުފުދޭ ކަމަށާއި އެރަށް ތަރައްގީ ކުރުން އަވަސް ކުރަންޖެހޭ ކަމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.

ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދިނުމާ ގުޅިގެން ޕްރޮގުރެސިވް ކޮންގްރެސް ކޯލިޝަނުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ވަނީ ސިޓީއެއް ދަރަޖަ ހޯދުމަށް ކުޅުދުއްފުށީ ރައްޔިތުން ކުރި ބުރަ މަސައްކަތަށް މަރުހަބާ އާއި ތަހުނިޔާ ކިޔައިފައެވެ. އަދި ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތްތަށް ފުރިހަމަކޮށް، ހަލުވި ސްޕީޑުގައި ސަރުކާރުން މަސައްކަތް ކުރިއަށް ގެންގޮސް، ކުޅުދުއްފުށީގެ ރައްޔިތުން އެދޭފަދަ ތަރައްގީއެއް އަވަހަށް ފޯރުކޮށްދިނުމަށް ގޮވާލައިފައިވެއެވެ.

އިދިކޮޅުގެ ބަޔާނުގައި ބުނީ، ކުޅުދުއްފުށީގެ ރައްޔިތުންނަކީ އަބަދުވެސް ތަރައްގީއަށް ލޯބިކުރާ ގައުމުގެ މިނިވަންކަމުގެ ދިފާއުގައި އަބަދުވެސް ތެދުވާ ރައްޔިތަކު ދިރިއުޅޭ ރަށެއް ކަމަށެވެ. އަދި ގައުމުގެ މިިނިވަންކަން ގެއްލުމުގެ ބިރު ހީވާ ވަގުތުގައި އެރަށުގެ ރައްޔިތުން ފާހަގަކުރެވެނީ އެންމެ ކުރީ ސަފަށް ނިކުމެ މަގު ދައްކާ ބައެއްގެ ގޮތުގައި ކަމަށް ބުނެފައިވެއެވެ.

އޭގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ކުޅުދުއްދުއްޓަށް ގެނެސް ދެއްވި ތަރައްގީގެ މިސްރާބަކީ ފުދުންތެރި އަދި ވިޔަފާރީގެ މަރުކަޒަކަށް އެރަށް ހެއްދެވުން ކަމަށާއި އެ ތަސައްވަރު އިދިކޮޅުން ދަމަހައްޓާނެ ކަމަށް ވެސް ބަޔާނުގައިވެއެވެ.

ކުޅުދުއްފުށި ސިޓީއަކަށް ހެދުމަކީ މި ސަރުކާރުގެ ވައުދެކެވެ. އަދި އިއްޔެ އިން ފެށިގެން ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ނިންމަވާފައިވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާންކުރެއްވީ މިދިޔަ އަންގާރަ ދުވަހުއެވެ.

ލާމަރުކަޒީ ގާނޫނުުގެ ދަށުން ކައުންސިލަކަށް ސިޓީއެއްގެ ދަރަޖަ ދެނީ ރަށެއްގެ ދިރިއުޅޭ އާބާދީގެ އަދަދު 10،000 އަށް އެރުމުންނެވެ. ނަމަވެސް ގާނޫނީ ގޮތުން ރަށަކަށް ސިޓީގެ ދަރަޖަ ލިބޭނީ އެކަން ރައީސް އިއުލާނު ކުރެއްވުމުންނެވެ. އެގޮތުން ސިޓީއެއްގެ ދަރަޖަ ލިބޭ އަދަދަށް ކުޅުދުއްފުށީގެ އާބާދީ އަރާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.