ޚަބަރު

ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު ގެއްލިގެން ހޯދަނީ

ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ މިރޭ 7:07 ހާއިރު ބ. ދޮންފަނު ކައިރިން ބ. އޭދަފުށީ ލޯންޗަކާއި ބ. ދަރަވަންދޫން ފުރައިގެން ދަތުރުކުރަމުންދިޔަ ޑިންގީއެއް ޖެހި އެކްސިޑެންޓެއް ވެފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި ޑިންގީން ދަތުރުކުރަމުންދިޔަ ތިން މީހުންގެ ތެރެއިން އެކަކު ގެއްލިފައިވާ ކަމަށާއި ގެއްލުނީ ބ. އޭދަފުށީ/ މުސްތަރީގެ ނަސްރުﷲ އަބްދުﷲ، 41 އެވެ.

ޑިންގީގައި ދެން ތިބީ އުމުރުން 42 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ ފިރިހެނެއް ކަމަށާއި އެ ދެ މީހުން ލޯންޗަށް ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މުއައްސަސާގެ ލޯންޗަކާއި އާންމުންނާ ގުޅިގެން ދޯންޏެއްގައި އެމީހާ ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށާއި އެ އެކްސިޑެންޓާ ގުޅިގެން ޑިންގީ އަޑިއަށް ގޮސްފައިވާ ކަމަށެވެ.

އެގޮތުން ދުސިތް ތާނީ ރިސޯޓުގެ ޑައިވިން ޓީމަކާއި ބ. ދަރަވަންދޫ އިން ޑައިވިން ޓީމެއް މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމު ވެސް ދަނީ އޭނާ ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފް އިން ބުނީ، ކަނޑުގެ ސާފޭސް ބެލުމާއި ނައިޓް ވިޝަން ކެމެރާގެ އެހީގައި ވެސް ގެއްލިފައިވާ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިހާތަނަށް އޭނާގެ ހަށިގަނޑު ފެނިފައިނުވި ނަމަވެސް، ޑިންގީއަށް ނިސްބަތްވާ ބައެއް ތަކެތި ކަނޑުމަތިން އިޔާދާތީ ފެންނަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.