ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށާއި ދައުލަތުން ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށް "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކޮމިޝަނެއް އުފައްދަވައިފިއެވެ.
ރައީސް މިއަދު އެ ކޮމިޝަން އެކުލަވާލައްވާފައިވަނީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހުތިޔާރުގެ ދަށުންނެވެ.
އެ ކޮމިޝަން އުފެއްދުވުމުގެ މަގުސަދަކީ، ދައުލަތުން ގެއްލިފައިވާ ފައިސާތައް ދައުލަތަށް ހޯދުމާއި، ދައުލަތުގެ އެކި ފަންތީގައި ތިބި ފަރާތްތަކުން ވެފައިވާ ހިޔާނަތްތަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ މައްސަލަތައް އެކަށީގެންވާ މިންވަރަށް ތަހުގީގު ކުރެވި އިންސާފު ގާއިމު ކުރެވިފައި ނުވަނީ، އެފަދަ މައްސަލަތައް ތަހުގީގުކޮށް އިންސާފު ގާއިމުކުރުމަށް އުފައްދާފައިވާ މުއައްސަސާތަކާއި، ދައުލަތުގެ އިދާރާތަކުން އެފަރާތްތަކާ މަތިކުރެވިފައިވާ ގާނޫނީ ޒިންމާ އެކަށީގެންވާ ގޮތެއްގައި އަދާކޮށްފައި ނުވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި ވިދާޅުވެފައިވެއެވެ.
ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ:
އަހްމަދު އަސްއަދު، މާތޮޑާއަވަށް، ގުލްފާމުގެ، ގދ. ފަރެސްމާތޮޑާ
އާޞް އަބްދުﷲ، ދަޑިމަގު، ގާޑެންގްރޯވ، ޏ. ފުވައްމުލައް
ނަދީމް އިބްރާހީމް، ދަފްތަރު ނަންބަރު ރސ 7006
އައިޝަތު ހަނާ ވަހީދު، މ. ހާޑްރޮކް
ފާތިމަތު ސަރީރާ އަލީ ޝަރީފު، ދަފްތަރު ނަންބަރު ދރ 1320
ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގެ ރައީސް ކަމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވަނީ އަހްމަދު އަސްއަދެވެ.
އެ ކޮމިޝަނަކީ، ކޮމިޝަނުން ތަހުގީގުކުރެވޭ މައްސަލަތަކާ ގުޅިގެން ތަހުގީގީ އިދާރާއަކުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތަކެއް އެޅުމާއި، ޖިނާއީ މައްސަލަތައް ތަހުގީގުކުރާ އިދާރާއަކަށް ލިބިދޭ އެންމެހާ ބާރުތަކެއް ލިބިގެންވާ ކޮމިޝަނެކެވެ.