އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު

އައްޑޫ އެއާޕޯޓުގެ އެމްޑީގެ މަގާމަށް ބޭފުޅަކު ހަމަޖައްސައިފި

މަރިޔަމް ޝަހުދާ

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު، (އޭއައިއޭ)ގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) ގެ މަގާމަށް ބޭފުޅަކު ހަމަޖައްސައިފިއެވެ.

އޭއައިއޭގެ އިންފޮމޭޝަން އޮފިސަރު "ވަންއޮންލައިން"އަށް މިކަން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

އޭއައިއޭގެ އެމްޑީގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފައިވަނީ މިދިޔަ ހަފުތާތެރޭ ކަމަށް އޭއައިއޭއިން މައުލޫމާތު ދެއެވެ. ނަމަވެސް އެމްޑީ އަދި ރަސްމީކޮށް ވަޒީފާއަށް ނުނިކުންނަވާ ކަމަށް އޭއައިއޭއިން ބުނެއެވެ.

އޭއައިއޭގެ އެމްޑީގެ މަގާމަށް ހަމަޖައްސާފައިވަނީ ސ.ހިތަދޫ، ސީވިއު، ގައިސް ނަސީރެވެ.

އޭއައިއޭގެ އެމްޑީގެ މަގާމު ހުސްކޮށް އޮންނަތާ މިހާރު ވަނީ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައެވެ. އެމަގާމުގައި ކުރިން ހުންނެވި މުހައްމަދު ލަތީފު މަގާމުން ވަކި ކުރައްވާފައިވަނީ 2018ގެ ނޮވެންބަރު 22 ގައެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަކީ ސަރުކާރުގެ %50 ހިއްސާ އޮންނަ ކުންފުންޏެކެވެ. އަދި ޗަމްޕާ ހުސެއިން އަފީފްގެ ކާސާ ހޮލްޑިންގްސްގައި އެ ކުންފުނީގެ %30 ހިއްސާ އޮންނައިރު އެމްއޭސީއެލް އަދި އެސްޓީއޯ ގެ %10 އިންސައްތަ ހިއްސާ އޭއައިއޭގައި އޮވެއެވެ.