ފުލުހުންނާއި އިސްލާމިކް މިނިސްޓްރީ އަދި ރ. މަޑުއްވަރީގެ މުއައްސަސާތައް ގުޅިގެން މަޑުއްވަރީގައި ދީނީ ދަރުސް ދިނުމާއި ދީނީ ނަސޭހަތް ދިނުމުގެ ހާއްސަ ޕްރޮގްރާމެއް ހިންގުމަށް ނިންމައިފިއެވެ.
މިދިޔަ މަހުގެ ތެރޭގައި ފުލުހުންނާއި ސިފައިން ވަނީ ހަރުކަށި ފިކުރުގެ މީހުން ހޯދުމަށް މަޑުއްވަރީގައި ހާއްސަ އޮޕަރޭޝަނެއް ހިންގައިފައެވެ.
މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށް މަޑުއްވަރީގައި ދަރުސް ދިނުމާއި ދީނީ ނަސޭހަތް ދިނުމަށް ހަމަޖެހިފައިވެއެވެ. ދީނީ ނަސޭހަތާއި ދަރުސް ދެއްވާނީ އައްޝެއިޚް ނަސްރުﷲ އަލީ އާއި އައްޝެއިޚް ހުސައިން އަބްދުﷲ ސައީދު އަދި އައްޝެއިޚް އަހްމަދު ފަހުމީ ދީދީއެވެ.
މަޑުއްވަރީގައި ކުރިއަށްގެންދާ އެ ދަރުސްތައް ދިނުމަށް ހަމަޖެހިފައިވަނީ މަސްޖިދުލް އުލާ އާއި މަސްތިޖުލް އަމާންގެ އިތުރުން އެ ރަށު ބޯޅަދަނޑުގައެވެ. ދަރުސްތައް ދިނުމަށް ހަމަޖެހިފައިވަނީ އެކި މައުޟޫއުތަކަށެވެ. އެ މައުޟޫއުތަކަކީ ދުނިޔެއަށް ފޮނުވުނު މަގުސަދު، ހަޔާތުގެ ދައުރު، ނަމާދު، ދަރިން ތަރުބިއްޔަތު ކުރުން، ދުލުގެ އާފަތްތައް، ހިލާފީ މައްސަލަތަކުގައި އަމަލުކުރާނެ ގޮތް އަދި މުންކަރާތްތަކުން ދުރުހެލިވުމެވެ. އޭގެ އިތުރުން އަންނަ ހުކުރު ދުވަހު ބޯޅަ ދަނޑުގައި ބާއްވާ ދަރުސްގައި އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ހުޅުވާލުމަށް ވެސް ހަމަޖެހިފައިވެއެވެ.
އޭގެ އިތުރުން އެ ތިން ދުވަހުގެ ހެނދުނާއި ހަވީރުގެ ވަގުތުތަކުގައި ޝެއިޙުން މަޑުއްވަރީގެ އެކިއެކި ސަރަހައްދުތަކަށް ޒިޔާރަތްކޮށް، އެ ރަށުގައި ދިރިއުޅޭ ފަރާތްތަކާ ބައްދަލުކޮށް، ދީނީގޮތުން އޮޅުންފިލުވަން ބޭނުންވާ ކަންކަން އޮޅުންފިލުވައިދިނުމަށް ވެސް ހަމަޖެހިފައިވެއެވެ.
މިދިޔަ މަހު ފުލުހުންނާއި ސިފައިން މަޑުއްވަރީގައި ހިންގި އޮޕަރޭޝަންގައި ގިނަ ތަންތަން ފާސްކޮށް، ބައެއް މީހުން ވަނީ ހައްޔަރުކޮށްފައެވެ. އެ ރަށުން ހައްޔަރުކުރި ތިން މީހެއްގެ ބަންދަށް މިދިޔަ ހޮނިހިރު ދުވަހު ކްރިމިނަލް ކޯޓުން ވަނީ ދިހަ ދުވަސް ޖަހައިފައެވެ.
މަޑުއްވަރީގައި ހިންގި އޮޕަރޭޝަނަކީ ގާނޫނާއި ގަވާއިދާ ހިލާފަށް ހަރުކަށި ފިކުރުތަށް ތަބާވެ، ޖަމާއަތުން ވަކިވެ، ކުޑަކުދިންނާއި އަންހެނުންނަށް ލިބިދޭ އަސާސީ ހައްގުތަކާއި ރައްކާތެރިކަމުން މަހުރޫމުކޮށް ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމުގެ އަމަލުތަކަށް މީހުން އަހުކުވެރިކޮށް، ޓެރަރިސްޓް ޖަމާއަތްތަކަށް މީހުން ރެކްރޫޓު ކުރުމަށް އެރަށުގައި ހިންގާ ހަރަކާތްތައް ހުއްޓުވައި، އެފަދަ މީހުން ހައްޔަރުކުރުމަށް ހިންގި އޮޕަރޭޝަނެކެވެ.
އެގޮތުން އޮޕަރޭޝަންގައި ފާސްކުރި ގެތަކުގައި އުޅޭ ކުޑަކުދިންނަށް ވެކްސިން ދިނުމާއި ތައުލީމުން މަހުރޫމް ކުރެވިފައިވާކަން ފާހަގަކުރެވުނު އިރު، އެ އޮޕަރޭޝަންގައި ހަރުކަށި ފިކުރާއި ގުޅުންހުރި އަދި ހެކީގެ ގޮތުގައި ބެލެވޭ ވަރަށް ގިނަ އަދަދެއްގެ އިލެކްޓްރޯނިކް އާލާތްތަކާއި ސައްހަ ނޫން ކައިވެނީގެ ސެޓްފިކެޓްތަކެއް ފުލުހުން ވަނީ ހޯދައިފައެވެ.