ޚަބަރު

ޓީމްގެ ރައްދު: ޗަންދާ ދައްކަން މެންބަރުންނަށް މުޖުބޫރެއް ނޫން، މިނިސްޓަރު އަލީ ވަހީދު މާ ޅައީ

ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)އަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކުރެއްވި ތުހުމަތުތަކަށް އެ ޖަމިއްޔާއިން ރައްދުދީފިއެވެ.

ޓީމް އިން ރައްދުދީފައި މިވަނީ، ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ މެދުގައި ނުތަނަވަސްކަން އުފައްދައިގެން އުޅެނީ ޓީމް އަޑީގައި އޮވެގެން ކަމަށާއި އެއީ މިނިސްޓަރު މެދުވެރިވެގެން އެ ޖަމިއްޔާއަށް މާލީ ފައިދާވާ ކަންތައްތަކަކަށް މަގުފަހިކޮށް ނުދެއްވައިގެން އެ ޖަމިއްޔާއިން ކުރާ ކަމެއް ކަމަށް މިނިސްޓަރު އަލީ ވަހީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވަނީ ވިދާޅުވެފައެވެ.

ކޮންމެ ރިސޯޓެއްގެ މެނޭޖްމެންޓުން ޓީމަށް ވަކި ވަރަކަށް ފައިސާ ދޭން މަޖުބޫރުވާ ގޮތަށް މިނިސްޓްރީގެ ސިޓީއެއް އެ ޖަމިއްޔާއިން ބޭނުންވި ނަމަވެސް އެ ސިޓީ ދެވެން ނެތް ކަމަށާއި ޓީމުން ފައިސާ ނަގަން ބޭނުންވަނީ ވަޒީފާ އަދާކުރާ ކޮންމެ މުވައްޒަފަކަށް 6.50 ޑޮލަރުގެ މަގުން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އެ ތުހުމަތުތަކަށް ރައްދު ދިނުމަށް ޓީމް އިން މިރޭ ކުރި ޓުވީޓެއްގައި ބުނީ ޓީމްއަކީ ޓްރޭޑް ޔޫނިއަނެއް ކަމަށާއި ޔޫނިއަން ހިންގަން ބޭނުންވާ ފައިސާ ހޯދުން އޮންނާނީ މެންބާޝިޕް ޑިއުސްގެ ގޮތުގައި ކަމަށެވެ. އަދި މިހާރު ވެސް ޓީމްއަށް ޗަންދާ ދައްކާ އެތައް ރިސޯޓު މުވައްޒަފުން ތިބޭނެކަން ވެސް އެ ޖަމިއްޔާއިން ފާހަގަކުރިއެވެ.

"އެއްވެސް މެންބަރަކަށް އޮޅުވާލައިގެން އަދި މަޖުބޫރުން ޗަންދާ ދައްކާކަށް ނުޖެހޭނެ. އަލީ ވަހީދު މާޅައީ،" ޓީމް އިން ކުރި ޓުވީޓުގައި ބުންޏެވެ.

ސާވިސް ޗާޖުގެ މައްސަލައިގައި އަލީ ވަހީދު މިރޭ ވިދާޅުވެފައިވަނީ ސާވިސް ޗާޖާއި އޮޑިޓުގެ މައްސަލަ ފާހަގަވި ރިސޯޓުތަކަށް ފިޔަވަޅު އަޅާނެ ކަމަށާއި މަސައްކަތް ކުރާ ދިވެހި އަދި ބޭރު މުވައްޒަފުންނަށްވެސް ބިރުދެއްކުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނޯންނާނެ ކަމަށެވެ.

ރިސޯޓު ބަދުނާމުކުރާ ކަމަށްބުނެ ހޮނޑާފުށި ރިސޯޓުގެ މުވައްޒަފަކު ވަކިކުރުމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީއަށް ވަނީ ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައެވެ. އެގޮތުން މި ސަރުކާރުގައި ވަޒީފާގެ ބިރުވެރިކަން އޮތް ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ އިރު، ރިސޯޓު މުވައްޒަފުންނަށް ލިބޭ ސާވިސް ޗާޖަކީ އެކަށީގެންވާ އަދަދެއް ނޫންކަން ވެސް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.

ރިސޯޓް ބަދުނާމުވާ ގޮތަށް "ރިސޯޓް ބޯއީޒް މޯލްޑިވްސް"ގެ ނަމުގައި ހިންގާ ފޭސްބުކް ޕޭޖަކަށް ހޮނޑާފުށި ރިސޯޓުން ދޭ ސާވިސް ޗާޖުގެ މައުލޫމާތު ދިން ކަމަށް ތުހުމަތުކޮށް، އެއްވެސް އިންޒާރެއް ދިނުމަކާ ނުލައި ވަކިކުރީ ތ. ގުރައިދުއަށް އުފަން އަހުމަދު ޝިމްހާޒެވެ.

މިކަމާ ގުޅިގެން މިނިސްޓަރު މިއަދު ވިދާޅުވީ ޝިމްހާޒަށް ތިން މަހުގެ މުސާރަ އެމަނިކުފާނުގެ އަމިއްލަ މުސާރައިން ދޭނެ ކަަމަށެވެ.

ނަމަވެސް ރިސޯޓުގެ ސެކިއުރިޓީގައި މަސައްކަތްކުރާ 29 އަހަރުގެ ޝިމްހާޒު ރިސޯޓުގެ ވަޒީފާއިން ވަކިކުރީ ގާނޫނާއި ގަވައިދާ އެއްގޮތަށް ކަމަށް ހޮނޑާފުށި ރިސޯޓުން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ. އޭގެ އިތުރުން ހޮނޑާފުށި އައިލެންޑް ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި 11 ޑޮލަރު ދީފައިވާ ކަމަށް މީސް މީޑިއާތަކާއި ނޫސްތަކުގައި ދެކެވޭ ވާހަކަވެސް އެކުންފުނިން ވަނީ ދޮގުކޮށްފައެވެ.