ފުލުހުން ހިންގާ ތަމްރީނެއްގަައި ބައިވެރިވުމަށްފަހު ނޫނީ ލައިސެންސަށް ހުށަނޭޅޭ ގޮތް ހަދަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގުރާމުގައި މިރޭ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެއްގަމު ދަތުރުފަތުރުގައި އެތައް ބައިވަރު ގޮންޖެހުންތަކާއެކު ވެސް މިދިޔަ އަހަރު ކޮންމެވެސް ވަރަކަށް ކަންކަން ކުރެވިފައިވާ ކަމަށާއި މިއަހަރުވެސް އެއްގަމު ދަތުރުފަތުރުގެ ނިޒާމު ރަނގަޅުކުރުމަށް ރާވާފައިވާ ކަންތައްތަކެއް އެބަހުރި ކަމަށެވެ.
"އޭގެ ތެރެއިން މިހާރު ކުރަމުންދާ މަސައްކަތްތައް ވެސް އަޅުގަނޑު ފާހަގަކޮށްލާނަން. އެއްގަމުގައި ދުއްވާ އުޅަނދުގެ ލައިސެންސް ނަގާ އިރު، އަލަށް ލައިސަންސް ނަގާ ފަރާތެއް ވެއްޖެއްޔާ މި ދެންނެވި ރައްކާތެރިވުމުގެ ގޮތުން ކަންތައް ހަރުދަނާކުރުމުގެ ގޮތުން އަޅުގަނޑުމެން މިހާރު ކަނޑައަޅާފައިވާނީ މިނިސްޓްރީން ކަނޑައަޅާ ފަރާތެއް ނުވަތަ ޕޮލިހުން ހިންގާ ތަމްރީނަކަށް ފަހު ލައިސެންސަށް އެޕްލައި ކުރެވޭ ގޮތަށް ނުނީ ލައިސެންސް ލިބޭގޮތަށް. އެއަށްފަހު އެބޭފުޅަކަށް ލައިސަންސް ލިބިގެންދާނީ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އޭގެ މަގުސަދަކީ މިހާރު ހިނގަމުންދާ އެކްސިޑެންޓްތައް މަދުކޮށް، ދަތުރުފަތުރުގެ ނިޒާމުގެ ތެރެއަށް މީހުން އަހުލުވެރި ކުރުވުން ކަމަށާއި މިއީ ވަރަށް މުހިންމު މަސައްކަތަކަށް ވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
އޭގެ އިތުރުން މަގުމަތީގެ ރައްކާތެރިކަމާއި، ލިންކްރޯޑާއި ބުރިޖުގެ ރައްކާތެރިކަމަށް ބޭނުންކުރުމަށް މިއަހަރުގެ ތެރޭގައި މަގުމަތީގެ ސައިން ބޯޑުތައް ތައާރަފުކުރާނެ ކަމަށާއި އެކަމުން މީހުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިހާރު ކުރަމުންދާ މަސައްކަތެއް މިއީ. ވަރަށް އަވަހަށް އަޅުގަނޑުމެންނަށް އިއުލާނުކުރެވިގެންދާނެ ދުނިޔޭގެ އެހެން ގައުމުތަކެކޭވެސް އެއްފަދައިން ނަންބަރު ޕްލޭޓް ދިވެހި ރާއްޖޭގައި ތައާރަފުކުރެވިގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި ތައާރަފުކުރެވޭ ނަންބަރު ޕްލޭޓަކީ ހާއްސަ ފީޗާއަކާއެކު ތައާރަފުކުރެވިގެންދާ ނަންބަރު ބޯޑެއް ކަމަށެވެ. އެ ނަންބަރު ބޯޑުތަކަކީ އޭގެ ސައިޒު އަދި މެޓީރިއަލްގެ ސަބަބުން މެޝިނުން ނަންބަރު ރީޑުކުރެވޭނެ ފަދަ ނަންބަރު ބޯޑުތަކެއް ކަމަށާއި އެހެންކަމުން އުޅަނދެއް ޓްރެކް ކުރަން ވިޔަސް ނުވަތަ ގެއްލިގެން ވިޔަސް ހޯދަން ފަސޭހަވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ގަވާއިދުން ޓެކްސީ ކުރަމުން އަންނަ އުޅަނދުފަހަރު 15 އަހަރު ވުމުން ވެރިފަރާތުން ނައްތާލަން ބޭނުންވެއްޖެނަމަ އެފަރާތަށް ލުއިފަސޭހަވާނެ ގޮތަކަށް އެ އުޅަނދު ނައްތާލުމަށްފަހު އެ އުޅަނދުގެ ބަދަލުގައި އެހެން އުޅަނދެއް ރަޖިސްޓްރީކުރެވޭނެ ގޮތް ހަދަން ނިންމާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.