ރާއްޖޭގެ ރަށްތަކުގައި ތަރައްގީކޮށްފައިވާ ގިނަ އެއާޕޯތުތަކެއް މިއަހަރުގެ ތެރޭގައި ހުޅުވިގެންދާނެ ކަަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ވީޓިވީގެ "ފަސް މަންޒަރު" ޕްރޮގުރާމުގައި ރޭ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެއާޕޯޓުތައް ކަނޑައެޅިފައިވާ މުއްދަތަށް ނުހުޅުވެނީ ދިމާވާ ބައެއް ކަހަލަ ދަތިތަކުން ކަމަށާއި ސަބަބަކީ އެއާޕޯޓު ގާއިމުކުރި ނަމަވެސް އެތަނެއް ހުޅުވޭނީ އެތަނަށް ބޭނުންވާ މުވައްޒަފުންނާއި، ޓްރެއިން ކުރެވިފައި ތިބޭ މީހުން ލިބިގެން ކަމަށެވެ.
"އެއާޕޯޓުތަކަކީ އެހެން މުއައްސަސާތަކާ ނުވަތަ އެހެން ތަންނަނާ ހިލާފަށް ވަކި ގޮތަކަށް ޓްރެއިން ކުރެވިގެން ޓްރެއިނިންތަކެއް ހަދައިގެން އައިސް ތިބޭ ބަޔަކު ނެގިގެން ގެންދާ ތަނެއް. އަޅުގަނޑުމެން ވަޒިފާއަކަށް އިއުލާނުކޮށްފަ އިންޓަވިއު ކޮށްލާފަ، ބޭފުޅުން ނަގައިގެންނެއް އެއާޕޯޓެއް ނުއެއް ފެއްޓޭނެ. އެހެންވީމާ މިކަހަލަ ގޮންޖެހުންތަކާ ހެދި." އެއާޕޯޓު ނުހުޅުވި ލަސްވާ ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އޭގެ އިތުރުން އެއާޕޯޓެއް ހަދާ އިރު، އޭގެ ބޭރުން ކުރަންޖެހޭ އެތައް ބައިވަރު މަސައްކަތްތަކެއް ހުންނަކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މަސައްކަތަށް އަންނަ ބަދަލުތަކާއި ހަވާލުކޮށްފައި އޮންނަ ކޮންޓްރެކްޓަރަށް ދިމާވާ މައްސަލައާ ހެދިވެސް މަސައްކަތް ލަސްވެ، ހުޅުވަން ހަމަޖެހިފައިވާ މުއްދަތަށް ނުހުޅުވި މުއްދަތު ބަދަލުކުރަން ޖެހޭ ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރުގެ ތެރޭގައި ހަ އެއާޕޯޓެއްގެ މަސައްކަތް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ފުނަދޫ އެއާޕޯޓާއި، މާވަރުލު އެއާޕޯޓާއި، މަޑިވަރު އެއާޕޯޓު އަދި ހޯރަފުށީ އެއާޕޯޓުގެ އިތުރުން ފަރެސްމާތޮޑާ އެއާޕޯޓު ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ނަހުލާ ވިދާޅުވީ ކުޅުދުއްފުށި އެއާޕޯޓު މިހާރު ހުޅުވާފައިވީ ނަމަވެސް އެ އާޕޯޓަށް ގެންނަން ޖެހޭ ބަދަލުތައް ނުވަތަ އަޕްގްރޭޑް ކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށެވެ. އަދި އެ އެއާޕޯޓު މިހާރު ހިންގަމުން އަންނަނީ ބޭނުންވާ ފެންވަރުގައި ނޫން ކަަމަށާއި މިއަހަރުގެ ތެރޭގައި އެކަންކަން ރަނގަޅުވެގެންދާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް ކަނޑައަޅާފައިވާ ތާރީހަށް ނިންމައިލެވޭނެ ކަމަށެވެ.
ފުނަދޫ އެއާޕޯޓު މިމަހުގެ ތެރޭގައި ހުޅުވޭނެ ކަމަށާއި ހޯރަފުށީގެ އެއާޕޯޓު އަންނަ އޮގަސްޓްމަހުގެ ތެރޭގައި ހުޅުވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މާވަރުލު އެއާޕޯޓު އަންނަ މާޗުހާ ތާގައި ހުޅުވިގެންދާނެ ކަމަށާއި، މަޑިވަރު އެއާޕޯޓު ލަފާކުރަނީ އަންނަ އޭޕްރީލް މަހުގެ ތެރޭގައި ހުޅުވޭނެ ކަމަށް ކަމަށެވެ.
"އެހެންވީމާ ފުދޭވަރެއްގެ އެއާޕޯޓުތަކެއް މިއަހަރު ހަމަ ހުޅުވިގެންދާނެ ކަަމަށް ގަބޫލުކުރަން އަދި އެއާއެކު ރައްޔިތުންނަށް ކަނެކްޝަން އެއްތަނުން އަނެއްތަނަށް ދަތުރުކުރުމަށް އިތުރު ލުއިފަސޭހަތަކެއް މެދުވެރިވެގެންދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން."