ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މަރުތައް ތަހުގީގުކުރުމަށް ރައީސް ކޮމިޝަނެއް އުފައްދަވައިފި

"މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަން" ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކޮމިޝަނެއް އުފައްދަވައިފިއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ހާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހްތިޔާރުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނަންބަރު 2018/13 އިން، ރައީސުލްޖުމްހޫރިއްޔާ މިއަދު އެ ކޮމިޝަން އުފެއްދެވީ، 1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެންބަރު 2018 ގެ ނިޔަލަށް ހިނގާފައިވާ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ތެރެއިން އެކިއެކި ސަބަބުތައް މެދުވެރިވެގެން އެކަށީގެންވާ މިންވަރަށް ތަހުގީގު ނުކުރެވި ހުރި މައްސަލަތަކުގައި މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް، ހަގީގަތް ހޯދައި، އާންމުކުރުމަކީ އިންސާފު ގާއިމުކުރުމަށްޓަކައި ދައުލަތުން އުފުލަންޖެހޭ ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކިވަޑައިގަންނަވާތީ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަންގެ ރައީސަކަށް ހަމަޖައްސާފައިވަނީ ކުރީގެ ބަންޑާރަނައިބު ހުސްނުއްސުއޫދެވެ.

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަން:

ހުސްނުއްސުއޫދު، ހަސަންކާރިގެ، ސ.މީދޫ

އަބްދުﷲ މުނާޒް، ހ. މާފިޔަ

އާދަމް އިބްރާހީމް، ގ. ޑިމްލައިޓް

ފަރީޝާ އަބްދުﷲ، މާތޮޑާއަވަށް، ބަގީޗާގެ، ގދ. ފަރެސްމާތޮޑާ

މިސްބާހު އައްބާސް، ބަހާރީވިލާ، ގދ. ރަތަފަންދޫ

އެ ކޮމިޝަނަކީ ކޮމިޝަނުން ތަހުގީގުކުރެވޭ މައްސަލަތަކާ ގުޅިގެން ތަހުގީގީ އިދާރާއަކުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތަކެއް އެޅުމާއި، ޖިނާއީ މައްސަލަތައް ތަހުގީގުކުރާ އިދާރާއަކަށް ލިބިދޭ އެންމެހާ ބާރުތަކެއް ލިބިގެންވާ ކޮމިޝަނެކެވެ.