ޚަބަރު

ވެސްޓް ޕާކުގެ މަސްބާނާ ޖެޓީ ބިންދައިގެން ގޮސް، ދެމީހަކު ވެއްޓި އަނިޔާވެއްޖެ

އާނިފާ ހުސެއިން ސިރާޖް

ރަސްފަންނު ވެސްޓް ޕާކުގެ މަސްބާނާ ޖެޓީ ބިންދައިގެން ގޮސް، ޖެޓީ މަތިން ދެމީހަކު ވެއްޓި އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 5:57 ހާއިރު ރަސްފަންނު ވެސްޓްޕާކު މަސްބާނާ ޖެޓީ މަތިން ދެމީހަކު ވެއްޓިގެން އުޅޭކަމުގެ މައުލުމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ ޖެޓީގައި ހުރި ހަތަރު ބްލޮކުގެ ތެރެއިން މެދުގައި ހުރި ދެ ބްލޮކު ބިންދައިގެންދިޔަ ގަޑީގައި އެ ބްލޮކުގައި ތިބި މީހުން ވެއްޓިގެން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ވެއްޓުނު ދެމީހުންގެ ތެރެއިން އެކަކުގެ ގައިގެ ދަށްފުށް ވަނީ ކަފައިގެން ގޮސްފައެވެ. އަދި އޭނާއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށާއި ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން ބުނެއެވެ.

ޖެޓީގެ ހާލަތާ ބެހޭ މައުލޫމާތު ފުލުހުން މިހާރު ވަނީ މާލެ ސިޓީ ކައުންސިލާ ހިއްސާކޮށް، ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އެ ސަރަހައްދު ބަންދުކޮށްފައެވެ.