ސާވިސް ޗާޖާއި އޮޑިޓުގެ މައްސަލަ ފާހަގަވި ރިސޯޓުތަކަށް ފިޔަވަޅު އަޅާނެކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރައްވައި މިނިސްޓަރު އަލީ ވަހީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގައި މަސައްކަތް ކުރާ ދިވެހި އަދި ބޭރު މުވައްޒަފުންނަށްވެސް ބިރުދެއްކުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނޯންނާނެ ކަމަށެވެ.
"ސާވިސްޗާޖާއި އޮޑިޓުން މައްސަލަ ފާހަގަވި ރިސޯތުތަކަށް ޑިއު ޕްރޮސެސް ފޮލޯކޮށް ފިޔަވަޅު އަޅާނަން،" މިނިސްޓަރު ވިދާޅުވިއެވެ.
ރިސޯޓު ބަދުނާމުކުރާ ކަމަށްބުނެ ހޮނޑާފުށި ރިސޯޓުގެ މުވައްޒަފަކު ވަކިކުރުމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީއަށް ވަނީ ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައެވެ. އެގޮތުން މި ސަރުކާރުގައި ވަޒީފާގެ ބިރުވެރިކަން އޮތް ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ އިރު، ރިސޯޓު މުވައްޒަފުންނަށް ލިބޭ ސާވިސް ޗާޖަކީ އެކަށީގެންވާ އަދަދެއް ނޫން ކަމަށް ވެސް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.
ރިސޯޓް ބަދުނާމުވާ ގޮތަށް "ރިސޯޓް ބޯއީޒް މޯލްޑިވްސް"ގެ ނަމުގައި ހިންގާ ފޭސްބުކް ޕޭޖަކަށް ހޮނޑާފުށި ރިސޯޓުން ދޭ ސާވިސް ޗާޖުގެ މައުލޫމާތު ދިން ކަމަށް ތުހުމަތުކޮށް، އެއްވެސް އިންޒާރެއް ދިނުމަކާ ނުލައި ވަކިކުރީ ތ. ގުރައިދުއަށް އުފަން އަހުމަދު ޝިމްހާޒެވެ.
މިކަމާ ގުޅިގެން މިނިސްޓަރު މިއަދު ވިދާޅުވީ ޝިމްހާޒަށް ތިން މަހުގެ މުސާރަ އެމަނިކުފާނުގެ އަމިއްލަ މުސާރައިން ދޭނެ ކަަމަށެވެ.
ނަމަވެސް ރިސޯޓުގެ ސެކިއުރިޓީގައި މަސައްކަތްކުރާ 29 އަހަރުގެ ޝިމްހާޒު ރިސޯޓުގެ ވަޒީފާއިން ވަކިކުރީ ގާނޫނާއި ގަވައިދާ އެއްގޮތަށް ކަމަށް ހޮނޑާފުށި ރިސޯޓުން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ. އޭގެ އިތުރުން ހޮނޑާފުށި އައިލެންޑް ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި 11 ޑޮލަރު ދީފައިވާ ކަމަށް މީސް މީޑިއާތަކާއި ނޫސްތަކުގައި ދެކެވޭ ވާހަކަވެސް އެކުންފުނިން ވަނީ ދޮގުކޮށްފައެވެ.