ޚަބަރު

މިދިޔަ އަހަރު 1.67 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި

މަރިޔަމް ޝަހުދާ

ނިމިގެންދިޔަ 2019 ވަނަ އަހަރު ރާއްޖެއަށް ޖުމްލަ 1.67 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރި ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނެފިއެވެ.

އެ ކުންފުނިީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު މިހެން ވިދާޅުވެފައިވަނީ މިއަދު ހެނދުނު މިއަހަރު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުންނެވެ.

ތޮއްޔިބު ވިދާޅުވީ މިދިޔަ އަހަރު ކުރެވުނު މަސައްކަތްތަކާ މެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި 2019ގައި ސަރުކާރުން އަމާޒު ހިފީ ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ގެނައުމަށް ކަމަށާއި އެ ޓާގެޓު ހާސިލުކުރެވުނު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިދިޔަ އަހަރު އަޅުގަނޑުމެންގެ 1.5 މިލިއަން ކާމިޔާބުކުރެވުނީ 38 ދުވަސް ބާކީ އޮއްވައި. ދެން އިއްޔެއާ ހަމައަށް އަޅުގަނޑުމެން 1.67 މިލިއަނާ ހަމައަށް ދެވިއްޖެ. އެހެންވީމަ ފުދޭވަރެއްގެ ރަނގަޅު ކާމިޔާބެކޭ ދެންނެވޭނީ. އިރާދަކުރެއްވިއްޔާ މިއަހަރުވެސް އަޅުގަނޑުމެން އުންމީދު ކުރަނީ ވިހާވެސް އަދި މިއަށްވުރެ ރަނގަޅު ކާމިޔާބީއެއް ލިބެން،" ތޮއްޔިބު ވިދާޅުވިއެވެ.

މީގެ އިތުރުން މިއަހަރުވެސް މިއަށްވުރެ ބޮޑު ކާމިޔާބީއެއް ލިބުމަށް އެދޭ ކަމަށް ތޮއްޔިބު ވިދާޅުވިއެވެ. އަދި އެކަމަށް މަސައްކަތްކޮށްފި ނަމަ ކުރިއަށް އޮތްތާނގައި ކަނޑައަޅަފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ފަސޭހަވާނެކަން ވެސް ތޮއްޔިބު ފާހަގަކުރެއްވިއެވެ.

މިއަހަރު ރާއްޖެއަށް އެންމެ ފުރަތަމަ ޒިޔާރާތް ކުރި ފަތުރުވެރިޔާ ކަމަށްވާ ބަހުރެއިންގެ މުހައްމަދު އަލަމެރްއާ ގުޅުވައިގެން، ރާއްޖެއިން ބަހުރެއިންގެ މާކެޓާ މެދު ދެކޭގޮތް ހާމަކުރުމަށް ނޫސްވެރިއަކު ވަނީ ތޮއްޔިބުއާ ސުވާލުކޮށްފައެވެ. އެކަމަށް ޖަވާބު ދެއްވަމުން ތޮއްޔިބު ވިދާޅުވީ ބަހުރޭނުން ރާއްޖެއަށް އަންނަ ފަތުރުވެރިން މަދު ނަމަވެސް އެއީ ރާއްޖެއަށް މުހިންމު މާކެޓެއް ކަމަށެވެ. ސަބަބަކީ ބަހުރޭންގެ ފަތުރުވެރިން ކުރާ ހަރަދު ބޮޑުވުމުން ކަމަށް ތޮއްޔިބު ވިދާޅުވިއެވެ.

ބަހުރޭންގެ އިތުރުން ރަޝިއާގެ މާކެޓާ ގުޅިގެން ތޮއްޔިބު ވާހަކަދެއްކެވިއެވެ. އެގޮތުން މިއަހަރު ކުރާ އެންމެ މުހިންމު ކަމެއްގެ ތެރެއިން ރަޝިއާއަށް ޓާގެޓުކޮށްގެން ވިޒިޓް މޯލްޑިވްސް ހަރަކާތްތައް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށް ތޮއްޔިބު ވިދާޅުވިއެވެ. އެގޮތުން ރަޝިއާއަށް ހައި ލެވެލް ޑެލިގޭޓުން ޒިޔާރަތްކޮށް ރާއްޖެ އިސްތިހާރު ކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖައްސާފައިވާ ކަމަށް ތޮއްޔިބު ވިދާޅުވިއެވެ. މީގެ އިތުރުން މިއަހަރުގެ މަސައްކަތްތައް ފެށުމުގެ ގޮތުން ވޯގް އަރަބިއާ އާއެކު ސަޕްލިމަންޓެއް ނެރޭނެ ކަމަށް ވެސް ތޮއްޔިބު ވިދާޅުވިއެވެ.