ޚަބަރު

އައްޑޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ކައްކަން ތައްޔާރުކޮށްފައިވާ ތިން ތަނެއް ހޯދައިފި

މަރިޔަމް ޝަހުދާ

އާ އަހަރާ ދިމާކޮށް އައްޑޫގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ބަނގުރާ ކައްކަން ތައްޔާރުކޮށްފައިވާ ތިން ތަނެއް ތަކެއްޗާއެކު ހޯދައިފިއެވެ.

ފުލުހުން ބުނިގޮތުގައި އިއްޔެގެ ވަގުތެއްގައި މިތަކެތި ހޯދާފައިވަނީ ހިތަދޫ ވަލުތެރޭގެ އިތުރުން ފަޅުގެތަކުންނެވެ. އެގޮތުން ބަނގުރާ ކެއްކުމަށް ތައްޔާރުކޮށްފައި ހުރި އެއްޗެހީގެ އިތުރުން ކައްކާފައި ހުރި 500 އެމްއެލްގެ 12 ފުޅި އަދި ފަސް ލީޓަރުގެ އެއް ފުޅި ބަނގުރާ ހޯދާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން އައްޑޫގައި ހިންގާ މި އޮޕަރޭޝަންގައި 15 މީހަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. އޭގެ ތެރެއިން ދެ މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ ހިތަދޫ ފިހާރައަކަށް ގެއްލުން ދިން މައްސަލައެއްގައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި އަނެއް 13 މީހުން ހައްޔަރުކޮށްފައިވަނީ ރަށުތެރޭގެ އަމާންކަން ގެއްލޭގޮތަށް އުޅުމުން ކަމަށް ފުލުހުން ބުނެއެވެ.

އާއަހަރު ފާހަގަކުރުމަށް ރޭ އައްޑޫގައި އޮތް ޝޯއަށް ފުލުހުން ސެކިއުރިޓީ ދިންކަން ފުލުހުން ފާހަގަކުރިއެވެ. އަދި ހިތަދޫ ބަނދަރު ސަރަހައްދުގައި "އައްޑޫ ފްރެންޑްސް"ގެ ނަމުގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައި ކުޑަކުދިންނަށް ހާއްސަ ބައެއް ހަރަކާތްތައް ފުލުހުން ކުރިއަށްގެންދިޔަ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.