ޚަބަރު

ޝިމްހާޒް ވަޒީފާއިން ވަކިކުރީ ގާނޫނާއި ގަވައިދުގެ ތެރެއިން: ހޮނޑާފުށި

ރިސޯޓުގެ ސެކިއުރިޓީގައި މަސައްކަތްކުރާ މުވައްޒަފު ރިސޯޓުގެ ވަޒީފާއިން ވަކިކުރީ ގާނޫނާއި ގަވައިދާ އެއްގޮތަށް ކަމަށް ހޮނޑާފުށި ރިސޯޓުން ބުނެފިއެވެ.

ހޮނޑާފުށި ރިސޯޓު ބަދުނާމުވާ ގޮތަށް "ރިސޯޓް ބޯއީޒް މޯލްޑިވްސް"ގެ ނަމުގައި ހިންގާ ފޭސްބުކް ޕޭޖަކަށް އެ ރިސޯޓުން ދޭ ސާވިސް ޗާޖުގެ މައުލޫމާތު ދިން ކަމަށް ތުހުމަތުކޮށް، އެއްވެސް އިންޒާރެއް ދިނުމަކާ ނުލައި ވަކިކުރީ ތ. ގުރައިދޫއަށް އުފަން އަހުމަދު ޝިމްހާޒެވެ. އުމުރުން 29 އަހަރުގެ އެ ޒުވާނާ ރިސޯޓުގެ ވަޒީފާއިން ވަކިކޮށް، އެދުވަހު ވަނީ ރިސޯޓުން ވެސް ބާލައިފައެވެ.

އެ މައްސަލައާ ގުޅިގެން، ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމާއި އޭނާގެ ކޮއްކޮ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު ހަމްޒާގެ އާއިލީ ކުންފުނި، ތްރީ އޭ ކުންފުނިން ހިންގާ ހޮނޑާފުށިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މުވައްޒަފު ވަކިކުރުމާ ގުޅިގެން ދައްކަމުންދަނީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.

އެގޮތުން އެ މުވައްޒަފު ވަޒީފާއިން ވަކިކުރިއިރު ހުރީ ޕްރޮބޭޝަންގައި ކަމަށާއި އެ މުވައްޒަފު ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާއި ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމުގައި ވެސް ބަޔާނުގައިވެއެވެ.

ތްރީ އޭއިން ބުނީ، އެ ކުންފުނި ބަދުނާމުވާ ގޮތަށް ވާހަކަދައްކަމުންދަނީ އަގު ވައްޓާލައި ނުރަނގަޅު ނިޔަތެއްގައި ކަމަށާއި އެފަދަ ދޮގު ވާހަކަތަކާއި ހަބަރުތައް ފެތުރުން ހުއްޓާލަން އިލްތިމާސް ކުރާ ކަމަށެވެ.

އޭގެ އިތުރުން ހޮނޑާފުށި އައިލެންޑް ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި 11 ޑޮލަރު ދީފައިވާ ކަމަށް މީސް މީޑިއާތަކާއި ނޫސްތަކުގައި ދެކެވޭ ވާހަކަވެސް އެކުންފުނިން ވަނީ ދޮގުކޮށްފައެވެ.

އެގޮތުން ވަޒީފާއާބެހޭ ގާނޫނުގެ ދަށުން ސާވިސް ޗާޖުގެ ގޮތުގައި ދެވޭ މިންވަރު ބިނާވެގެންވަނީ ހިދުމަތް ލިބިގަންނަ މީހުންގެ އަތުން ނެގޭ މިންވަރަށް ކަމުން އެ ރިސޯޓުތަކުން ހިދުމަތް ލިބޭ މީހުންގެ އަދަދު ދަށްނަމަ ސާވިސް ޗާޖުގެ އަދަދުވެސް ދަށްވެގެންދާނެ ކަމަށެވެ.

އެހެންކަމުން އެހެން ފަސް ތަރީގެ ރިސޯޓެއް ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ރިސޯޓެއް ދޭ ވަރުގެ ސާވިސް ޗާޖެއް އެއަށްވުރެ ރޭޓިންއާއި ކޮޓަރީގެ އަދަދާއި އަދި އޮކިއުޕަންސީގެ ގޮތުން ދަށް ރިސޯޓުތަކުން ދިނުމަކީ މާލީ ގޮތުން ކުރެވޭނެ އަދި ގާނޫނީ ގޮތުން ލާޒިމުކަމެއް ވެސް ނޫން ކަމަށް ބަޔާނުގައިވެއެވެ.

އޭގެ އިތުރުން ސާވިސް ޗާޖުގެ ގޮތުގައި ދެވޭ މިންވަރުގެ މައުލޫމާތަކީ މުވައްޒަފުން އެދުމުން ފޯރުކޮށްދޭ މައުލޫމާތެއް ކަމަށާއި ހޮނޑާފުށި ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި ކަނޑައެޅިފައިވާ މިންވަރު ހިސާބުކޮށްފައިވަނީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

އެގޮތުން މިދިޔަ ނޮވެމްބަރު މަހުގެ ސާވިސް ޗާގުގެ ގޮތުގައި 36 ޑޮލަރު (555.12 ރުފިޔާ) މުވައްޒަފުންނަށް ދީފައިވާނެ ކަމަށް ތްރީއޭ ކުންފުނީގެ ބަޔާނުގައި ބުނެފައިވެއެވެ.