އަންނަ އަހަރުގެ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ކުރިމަތިލުމަށް އެމްޑީޕީގެ ޓިކެޓް ހޯދުމަށް ޕްރައިމަރީގައި ވާދަކުރަން ނިންމާފައިވާ ކަމަށް އެ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު އިއުލާން ކުރައްވައިފިއެވެ.
އާ އަހަރުގެ ތަހުނިޔާ ފޮނުއްވައި ޝަމާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބަށް އެޕާޓީން ބާއްވާ ޕްރައިމަރީގައި މޭޔަރު ކަމަށް ކުރިމަތިލުމަށް ނިންމީ އެމްޑީޕީގެ އިސްވެރިންނާއި އާންމުން މަޝްވަރާކުރުމަށްފަހު ކަމަށެވެ.
އެމްޑީޕީ މެންބަރުންނާއި އާންމުންނާމެދު އިތުބާރު އެބަ އޮތް ކަމަށާއި މިދިޔަ 13 އަހަރު ތެރޭގައި އޭނާ ކުރި މަސައްކަތް ރައްޔިތުން ބަލައިގަންނާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އަދި ވިދާޅުވީ، މިފަދަ ބޮޑެތި ބަދަލުތަކެއް އަންނަ ވަގުތެއްގައި އިލްމާއި ތަޖުރިބާ އަދި ވަފާތެރިކަމަކީ މުހިންމު ކަމެއް ކަމަށެވެ.
އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާނެކަން ޝަމާއު އިއުލާން ކުރެއްވިއިރު، މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދާއި އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފު ވެސް އެ މަގާމަށް ވާދަކުރައްވާނެކަން ވަނީ އިއުލާން ކުރައްވައިފައެވެ.
އޭގެ އިތުރުން އެ ޕާޓީގެ ގައުމީ މަޖިލީހުގައި ހެންވޭރު ދެކުނު ދާއިރާ މިހާރު ތަމްސީލް ކުރައްވާ އަހުމަދު ނިޔާޒު އަދި އަހުމަދު ރަޝީދު ވެސް ވަނީ ޓިކެޓަށް ވާދަ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
މާލެ ސިޓީ ކައުންސިލުގެ މޭޔަރު ކަމަށް ދެން ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އާއި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ފަރާތުން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއެވެ.