މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް ހޫނު މަރުހަބާ ކިޔައިފިއެވެ.
މިއަހަރު ރާއްޖެއަށް ފުރަތަމަ އައިސްފައިވަނީ މުހައްމަދު އަލަމެރް ނަމަކަށް ކިޔާ ބަހުރެއިންގެ ރައްޔިތެކެވެ. އޭނާ ރާއްޖެ އައިސްފައިވަނީ އަންހެނުންނާއެކު ޗުއްޓީ ހޭދަކުރުމަށެވެ.
އެ ދެމަފިރިން ރާއްޖެ އައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން އެންމެ ފުރަތަމަ މަރުހަބާ ކިއީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރު ވެސް ރާއްޖެއަށް އެންމެ ފުރަތަމަ ޒިޔާރަތްކުރި ފަތުރުވެރިޔާއަށް ގިނަ އިނާމުތަކެއް ދީފައިވެއެވެ. އެގޮތުން އެމްއެމްޕީއާރުސީ އަދި އުރީދޫގެ އިތުރުން އެހެން ފަރާތްތަކުން އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް ހަދިޔާ ދީފައިވެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ޝަރަފު ލިބުނު އަަލަމެރް ބުނީ، މިއީ އޭނާ އާއި އޭނާގެ އަންހެނުން ރާއްޖެ ޒިޔާރަތްކުރި ފުރަތަމަ ފަހަރު ކަމަށެވެ. އަދި އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ވެފައިވާ ތައްޔާރީތަކަށް އަލްމެރް ތައުރީފު ކުރިއެވެ.
އަަލަމެރާއި އޭނާގެ އަންހެނުން ރާއްޖެ އައިސްފައިވަނީ ފަސް ދުވަހަށެވެ.