ޚަބަރު

އިންކަމް ޓެކްސް ނަގަން ފަށައިފި

މިއަދުން ފެށިގެން އިންކަމް ޓެކްސް ނަގަން ފަށައިފިއެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ބިލު (އިންކަމް ޓެކްސް ނެގުމުގެ ބިލު) ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހުއެވެ. އެއީ 67 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އަދި މިދިޔަ މަހުގެ 17 ވަނަ ދުވަހު ރައީސް ވަނީ އެ ބިލު ތަސްދީގު ކުރައްވައިފައެވެ.

އެ ގާނޫނުގައިވާ ގޮތުން، މުސާރައިގެ ގޮތުގައި ލިބޭ އާމްދަނީ ނޫން އެހެން ހުރިހާ އާމްދަނީއަކުން މިއަދުން ފެށިގެން ޓެކްސް ނަގަން ފަށާނެއެވެ. މުސާރައިގެ ގޮތުގައި ލިބޭ އާމްދަނީން ޓެކްސް ނަގަން ފަށާނީ އަންނަ އޭޕްރިލް މަހުން ފެށިގެންނެވެ.

އެގޮތުން އޭޕްރީލް 1 އިން ފެށިގެން ނަގާނީ އުޖޫރަ އާއި ވިޔަފާރި އާމްދަނީންނާއި އުފުލޭ މުދަލާއި ނުއުފުލޭ މުދާ ކުއްޔަށް ދޫކޮށްގެން ލިބޭ އާމްދަނީ އާއި އިންޓަރެސްޓާއި އެނުއިޓީ އާއި ޕެންޝަން އަދި ރިޓަޔަމަންޓް ފައިދާއިންނާއި ބެނިފިޝަރީންނަށް ލިބޭ އާމްދަނީންނާއި ޓެކްނިކަލް ސާވިސް އާއި ކަމިޝަނާއި ރޮޔަލްޓީންނެވެ.

މި ގާނޫނުގައި ކަނޑައަޅާފައިވަނީ މަހެއްގެ މައްޗަށް 60،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އާމްދަނީ ލިބޭ މީހުންގެ އަތުން އާމްދަަނީގެ 5.5 ޕަސެންޓު ޓެކުހުގެ ގޮތުގައި ނެގުމަށެވެ. އަދި 100،000 ރުފިޔާ އާއި 150،000 ރުފިޔާއާ ދެމެދުގެ އާމްދަނީން އަށް ޕަސެންޓް، 150،000 ރުފިޔާ އާއި 200،000 ރުފިޔާއާ ދެމެދު އާމްދަނީން 12 ޕަސެންޓު އަދި 200،000 ރުފިޔާ އިން މަތީގެ އާމްދަނީ ލިބޭ ފަރާތްތަކުގެ އާމްދަނީން 15 ޕަސެންޓް ނެގުމަށެވެ.

އާމްދަނީ އިން ޓެކްސް ނެގުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އަދި މި ޓެކްސްއަކީ މިއަހަރު ދައުލަތަށް އާމްދަނީ އިތުރު ކުރުމަށް ނަގަން ހިމެނި ޓެކްސް އެކެވެ. ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ފާސްކުރި ބަޖެޓުގައި އިންކަމް ޓެކްސް ނަގައިގެން އަހަރަކު 680 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފައިވެއެވެ.