ޚަބަރު

ހޮނޑާފުށިން ކަނޑާލި މުވައްޒަފަށް އަޅުގަނޑުގެ މުސާރައިން ތިން މަހުގެ މުސާރަ ދޭނަން: މިނިސްޓަރު އަލީ

މަރިޔަމް ޝަހުދާ

ރިސޯޓު ބަދުނާމު ކުރަނީ ކަމަށްބުނެ ހޮނޑާފުށި ރިސޯޓުން ކަނޑާލި މުވައްޒަފަށް ތިން މަހުގެ މުސާރަ ދޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ރިސޯޓް ބަދުނާމުވާ ގޮތަށް "ރިސޯޓް ބޯއީޒް މޯލްޑިވްސް"ގެ ނަމުގައި ހިންގާ ފޭސްބުކް ޕޭޖަކަށް އެރިސޯޓުން ދޭ ސާވިސް ޗާޖުގެ މައުލޫމާތު ދިން ކަމަށް ތުހުމަތުކޮށް، އެއްވެސް އިންޒާރެއް ދިނުމަކާ ނުލައި ވަކިކުރީ ތ. ގުރައިދޫއަށް އުފަން އަހުމަދު ޝިމްހާޒެވެ. އުމުރުން 29 އަހަރުގެ އެ ޒުވާނާ ރިސޯޓުގެ ވަޒީފާއިން ވަކިކޮށް، އެދުވަހު ވަނީ ރިސޯޓުން ވެސް ބާލައިފައެވެ.

މިއަހަރު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ މައްސަލައާ ގުޅިގެން މީޑިއާއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އިއްޔެގެ ވަގުތެއްގައި އެ މުވައްޒަފާ ބައްދަލުކޮށް، ކަންހިނގާފައިވާ ގޮތް ސާފުކޮށްފައިވާނެ ކަމަށެވެ. އަދި ހޮނޑާފުށި ރިސޯޓާ ގުޅައިގެން އެ މައްސަލައިގެ މައުލޫމާތު ހޯދާފައިވާނެ ކަމަށާއި ސަރުކާރު ހުޅުވުމުން، އޮޑިޓްގެ މަސައްކަތް ނިންމައި އެ ރިސޯޓާ ބައްދަލުވެސް ކުރާނެ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ޝިމްހާޒު ވަޒީފާއިން ވަކިކުރިކަމުގެ ލިޔުން ނުލިބޭ ކަމަށާއި އަދި ވަޒީފާއިން ކަނޑާލުމަށްފަހު އެދުވަހު ރިސޯޓުން ފައިބަން އެންގި ކަމަށް އޭނާއާ ހަވާލާދީ ޓޫރިޒަމް މިނިސްޓަރު ވިދާޅުވިއެވެ. އަދި މަހު މުސާރައިގެ ގޮތުގައި ލިބެނީ 4000 ރުފިޔާ ކަމަށާއި ވަޒީފާއިން ވަކިކޮށް ރިސޯޓުން ބޭލުވީ 5001 ރުފިޔާ ދިނުމަށްފަހު ކަމަށް ވެސް އޭނާ ބުނެފައިވާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ޕާސަނަލީ އޭނާއަށް ޔަގީންކަން ދީފަ އޮންނާނީ އޭނާއަށް ތިން މަހުގެ މުސާރައަށްވާ ލާރި އަޅުގަނޑުމެން ޕާސަނަލީ ދޭނަމޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަލީ އިތުރަށް ވިދާޅުވީ ވަޒީފާއިން ވަކިކުރި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަން ޝިމްހާޒު ބޭނުންވާ ކަމަށާއި އެކަމުގައި ވެސް އަމިއްލަ ގޮތުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އޭނާ ކައިރީގައި ވިދާޅުވެފައިވާނެ ކަމަށެވެ.