ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައްޔިތުން ތިބީ އެކުވެރިކަމާ އެކީގައި ކުރިއަށްދާން: ރައީސް

މިއަދު ހަވީރު ބޭއްވިގެންދިޔަ "ދުޅަހެޔޮ ހަށިހެޔޮ އީދު"ގައި ފެނިގެންދިޔައީ ދުޅަހެޔޮކަމާއި ރަނގަޅު ސިއްހަތުގައި އަދި އެކުވެރިކަމާ އެކީގައި ކުރިއަށްދާން ރައްޔިތުން ތިބިކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެ ހަރަކާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އެ ހަރަކާތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވައިފައެވެ.

"ދުޅަހެޔޮ ހަށިހެޔޮ އީދުގެ ގޮތުގައި މި ފާހަގަކުރެވުނު ހަވީރުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ފަށްފަށުން އަޅުގަނޑު ޝުކުރު ދަންނަވަން. އަޅުގަނޑަށް މިތަނުން ފެނިގެންމިދިޔައީ ދުޅަހެޔޮކަމާއި ރަނގަޅު ސިއްހަތުގައި އަދި އެކުވެރިކަމާ އެކީގައި ކުރިއަށްދާން ތިބި ރައްޔިތުންތަކެއް ތިބިތަން. މިކަމުގައި އެންމެ ޅަ ފުރާއިން ޒުވާނުން، ދުވަސްވީ މީހުން ހިމެނޭ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަދު ބޭއްވިގެންދިޔަ "ދުޅަހެޔޮ ހަށިހެޔޮ އީދު" ފާހަގަކުރީ އެންމެ ފަހަރަކު އެކަން ކުރިއަށްގެންދާ ގޮތަކަށް ނޫން ކަމަށާއި ކުރިއަށްއޮތް ތަނުގައި ވެސް އެފަދަ ހަރަކާތްތައް ބާއްވާނެ ކަމަށެވެ.

"މިއަދުގެ މި އިވެންޓް މިހާ ފުރިހަމަކޮށް ހިނގައި މިދިޔައީ އެތައް ބައެއްގެ ވަރަށް ގިނަ މަސައްކަތުން. އެކަމަށްޓަކައި މި އިވެންޓް އިންތިޒާމްކުރެއްވި ހުރިހާ ފަރާތްތަކަށް އަޅުގަނޑު އިހުލާސްތެރިކަމާއެކުގައި ފަށްފަށުން ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ ހުރިހާ ބޭފުޅުން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޖާފަތާއި މާދަމާ ރޭ ގަލޮޅު ދަނޑުގައި ކުޅޭ ހާއްސަ ފުޓްބޯޅަ މެޗުގައި ބައިވެރިވުމަށް ވެސް ހުރިހާ ފަރާތަތްކަށް ދައުވަތު އަރުވައިފައެވެ.

"އަދި މިރޭ ވެސް އެބައޮތް މީގެ އެއްބައި. އެއީ އެންމެންނަށް ހުޅުވާލެވިގެން އޮތް ޖާފަތެއް، ކެއުމެއް. އެކަމުގައި ވެސް ތި ހުރިހާ ބޭފުޅުން ބައިވެރިވެވަޑައިގެން ދެއްވުމަކީ އަޅުގަނޑުމެން މި އެކުވެރިކަމާއި އެއްބައިވަންތަކަމާ އެކީގައި އަޅުގަނޑުމެން މިކުރާ މަސައްކަތަށް ލިބޭނޭ ވަރަށް ބޮޑު ހިތްވަރަކަށް ވެގެންދާނެ. އެހެންކަމުން ތި ހުރިހާ ބޭފުޅުންނަށް އެ ދައުވަތު އަރުވަމުން، އަދި އެ ހިސާބުން އަދި އަޅުގަނޑުމެންނަށް ނިންމާލެވޭކަށް ނެތް. މާދަން ރޭ އެބައޮތް ގަލޮޅު ދަނޑުގައި އެހާރާއި މިހާރުގެ ބޭފުޅުންގެ ފުޓްބޯޅަ މެޗެއް. އޭގައި ވެސް ތި ހުރިހާ ބޭފުޅުން ބައިވެރިވެވަޑައިގެން ދެއްވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް،" އެމަނިކުފާނު ވިދާޅުވިއެވެ.