ޚަބަރު

ކޯސްޓްގާޑުގެ އެހީގައި ބަލިމީހުން އުފުލުމުގެ އިންތިޒާމު މިހާރު ހަމަޖެހިފައިވަނީ ވަރަށް ރަނގަޅަށް: މާރިޔާ

އާނިފާ ހުސެއިން ސިރާޖް

ބަލިވެގެން ނުވަތަ ހާލު ސީިއަސް ވެގެން ކޯސްޓްގާޑުގެ އެހީގައި މީހަކު އެއް ރަށުން އަނެއް ރަށަށް މީހުން އުފުލުމުގެ އިންތިޒާމު މިހާރު ހަމަޖައްސާފައިވަނީ ވަރަށް ރަނގަޅަށް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިދުމަތަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި ދެއްވި ވީޑިއޯ މެސެޖެއްގައި މިނިސްޓަރު ވިދާޅުވީ ސިފައިންނަކީ ލޯތްބާއި އިހުތިރާމު ލިބިގެންވާ، ޕްރޮފެޝަނަލް އަދި ކެޕޭސިޓީ ވަރުގަދަ ބަޔަކަށް މި ސަރުކާރުގައި ހައްދަވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ. އެގޮތުން މިސަރުކާރު ވެރިކަމަށް އައިއިރު ހަލާކުވެފައިހުރި ކޯސްޓުގާޑުގެ އުޅަނދުތައް މިއަހަރުގެ ތެރޭގައި މަރާމާތު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ 99.7 އިންސައްތައަކީ ކަނޑުކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ސެކިއުރިޓީގެ ގޮތުން އަދި އިންސާނީ ހިދުމަތެއް ފޯރުކޮށްދޭން ބެލިޔަސް ދިވެހި ކޯސްޓުގާޑަށް ޖެހިފައި އޮންނަނީ ވަރަށް ބުރަ މަސައްކަތެއް ކަމަށެވެ. އެގޮތުން ކޮންމެ ވަގުތެއްގައި ވެސް، އެއީ ކަނޑު ގަދަޔަސް ނުވަތަ މަޑަސް އަދި ދުރު ރަށެއްގެ މީހެއް ބަލިވެ އެހެން ރަށަކަށް ގެންދަން ޖެހުނަސް ކޯސްޓްގާޑުން ތިއްބަވަނީ ތައްޔާރަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެން ތެރޭގައި ވަރަށް ރަނގަޅަށް އިންތިޒާމުތައް ހަމަޖެހިފައި އޮންނަނީ. 191 އަށް ގުޅުއްވީމަ ކޮންމެހެން މިނިސްޓަރަކާ ގުޅުއްވާކަށް ނުޖެހޭނެ އެއީ ހަމަ ރައްޔިތުންނަށް ދެވޭ ހިދުމަތެއް. އަދި އެނޫން ގޮތަކުން ސީއެންބިއުލާންސް ވިޔަސް ހަމަ މީހަކު ބަލިވިޔަސް، ހާލުގައި ޖެހުނަސް މި ނަންބަރާ ގުޅުއްވީމަ އޮޓޮމެޓިކުން އެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މާރިޔާ އިތުރަށް ވިދާޅުވީ އެކަންކަން މިހާރު ރައްޔިތުން ވެސް ބަލައިގަންނަމުންދާ ކަމަށެވެ. އަދި ކަނޑުމަތީގައި މީހަކު ގެއްލުނަސް ހުރިހާ ދަނޑިވަޅެއްގައި ވެސް ފެނިގެންދަނީ ކޯސްޓްގާޑުގެ ބޭފުޅުން ވަރަށް ހުށިޔާރުކަމާއެކު މަސައްކަތް ކުރައްވަމުން ގެންދަވާތަން ކަމަށް ވިދާޅުވިއެވެ.