ޚަބަރު

ގެއެއް ފާސްކުރަން ފުލުހުން ވަނުމުން ބަނގުރާ ފުޅިތަކެއް މަގުމައްޗަށް އުކާލައިފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ގެއެއް ފާސްކުރަން ފުލުހުން ވަނުމުން ބަނގުރާ ފުޅިތަކެއް މަގުމައްޗަށް އުކާލައިފިއެވެ.

ފުލުހުން ބުނީ އެ މުއައްސަސާގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިރޭ 7:22 ހާއިރު ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓުމަންޓުން މާފަންނު ގެއެއް ބަލައި ފާސްކުރަން ވަދެފައިވާ ކަމަށެވެ.

ފުލުހުން އެގައެއް ވަނުމުން އެގޭގެ ބެލްކަނީގައި ހުރި މީހެއް ބަނގުރާ ފުޅިތަކެއް މަގުމައްޗަށް އުކާލާފައިވާ ކަމަށާއި ފުލުހުން އެ ގެ ބަލައި ފާސްކުރި ކުރުމުން ދެ ދަޅު އަދި އެއް ފުޅި ބަނގުރާގެ އިތުރުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ތެޔޮ ޕީސް އަދި ފަސް ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހަތަރު ދިވެހި ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށާއި އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.