ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަލަށް އުފެއްދި މިނިސްޓްރީތަކަށް ފާމަނަންޓް ސެކްރެޓަރީން ހަމަޖެއްސެންދެން ވަގުތީ ގޮތުން އެ ޒިންމާ އަދާކުރެއްވާނެ ބޭފުޅުން އައްޔަންކޮށްފިއެވެ.
އަލަށް އުފެއްދި މިނިސްޓްރީތަކުގައި ވަގުތީ ގޮތުން ޕާމަނަންޓް ސެކްރެޓަރީގެ މަގާމު އަދާކުރެއްވުމަށް ހަ ބޭފުޅަކު ވަނީ އައްޔަންކޮށްފައެވެ.
މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ޕާމަނަންޓް ސެކްރެޓަރީގެ ޒިންމާ ވަގުތީގޮތުން ހަވާކުރައްވާފައިވަނީ ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުގައި ހުންނެވި ހައްވާ ނަޒްލާއާއެވެ.
މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ޕާމަނަންޓް ސެކްރެޓްރީގެ ޒިންމާ ވަގުތީގޮތުން ހަވާކުރައްވާފައި ކޮމިއުނިކޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވްގެ މަގާމުގައި ހުންނެވި އިލްޔާސް އަހްމަދާއެވެ.
މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަންގެ ޕާމަނަންޓް ސެކްރެޓްރީގެ ޒިންމާ ވަގުތީގޮތުން ހަވާކުރައްވާފައިވަނީ ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް ހަސަންއާއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރގެ ޕާމަނަންޓް ސެކްރެޓްރީގެ ޒިންމާ ވަގުތީގޮތުން ހަވާކުރައްވާފައިވަނީ ފާތިމަތު ޝާނާ ފާރޫގްއާއެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޕާމަނަންޓް ސެކްރެޓްރީގެ ޒިންމާ ވަގުތީގޮތުން ހަވާކުރައްވާފައިވަނީ ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި ހަސަން ޝަރީފެވެ. އަދި މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓްގެ ޕާމަނަންޓް ސެކްރެޓްރީގެ ޒިންމާ ވަގުތީގޮތުން ހަވާކުރައްވާފައިވަނީ މުހައްމަދު އާޒިމްއާއެވެ.
އެ ބޭފުޅުންނަށް ޒިންމާ ހަވާލުކުރެއްވި ކަމުގެ ލިޔުން ހަވާލުކުރެއްވީ އެކަމަށްޓަކައި މިއަދު ސިވިލް ސާވިސް ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމެވެ.
އެ ރަސްމިއްޔާތުގައި ޑރ. އަލީ ޝަމީމު ދެއްކެވި ވާހަކަފުޅުގައި މިނިސްޓްރީތަކުގައި މަސައްކަތްކުރައްވާ އިރު، އެ މިނިސްޓްރީއެއްގެ ވަޒީރަކާ ވީހާވެސް ގުޅިގެން ސިވިލް ސަރވިސްގެ ގާނޫނާއި ގަވާއިދާއި ކަމާގުޅުންހުރި އެހެން ގާނޫނުތަކާއި ގަވާއިދުތަކާ ވެސް އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ސިވިލް ސަރވިސްއާ ގުޅޭ މުހިންމު ލިޔެކިޔުންތަކާބެހޭ މައުލޫމާތު އެބޭފުޅުންނާ ހިއްސާކުރެއްވިއެވެ.