މަޑުމަޑުން އިތުބާރު ހޯދައި، ރާއްޖޭގައި އަދުލު އިންސާފު ގާއިމުކޮށްދެއްވާނެ ކަމަށް ޕްރޮސެކިއޫޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޝަމީމް މިހެން ވިދާޅުވީ 13 އަހަރުގެ ކުއްޖާ ވިހެއި މައްސަލައިގައި އެކުއްޖާގެ ބެލެނިވެރިންނަށް ދައުވާކުރިކަން ހާމަކޮށް މިއަދު ޕީޖީ އޮފީހުން ކުރެއްވި ޓުވީޓު، ރިޓުވީޓް ކުރައްވަމުންނެވެ.
ޝަމީމު ކުރެއްވި ޓުވީޓުގައި ވިދާޅުވީ މަޑުމަޑުން, އިތުބާރު ހޯދައި، އަމާންކަމާއި، ރައްކާތެރިކަމާއި، އަދުލު އިންސާފު ކަށަވަރުކޮށްދެއްވާނެ ކަމަށެވެ.
އުމުރުން 13 އަހަރުގެ ކުއްޖާގެ މައްސަލަ ފެންމަތިވީ ލަނޑާ ނަގާ ދޯންޏެއްގައި ހިނގި ހިޔާލު ތަފާތު ވުމަކަށްފަހު ވަޅި އަޅައި ކަނޑަށް އެއްލާލި ހާދިސާގެ ތެރެއިންނެވެ. އެގޮތުން އެ ކުއްޖާއަކީ އެ ހާދިސާގައި ޒަހަމްކޮށްލި ރ. މަޑުއްވަރީ އިސްމާއީލް ހައްމާދު، ކައިވެނީގެ ނަމުގައި 12 އަހަރުގައި ރޭޕްކުރި ކުއްޖެއްކަން ވަނީ ހާމަވެފައެވެ.
އެ މައްސަލައިގައި އެކުއްޖާގެ ބެލެނިވެރިން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 10 ވަނަ ދުވަހުއެވެ.
އުމުރުން 13 އަހަރުގެ ކުއްޖާގެ ބެލެނިވެރިންގެ ފަސް ކުދިން ތިބެއެވެ. ނަމަވެސް އެ ދެމީހުންނަކީ ދީނުގެ ނަމުގައި ހަރުކަށި ވިސްނުން ގެންގުޅެ އަދި ދަރިންނަށް ލިބެންޖެހޭ އަސާސީ ހައްގުތަކުން މަހުރޫމުކޮށް ގެންގުޅެމުންދާ ބައެއް ކަމަށް ފުލުހުން ތުހުމަތުކުރެއެވެ.
އެގޮތުން އެއާއިލާގެ ކުދިންނަށް ވެކްސިން ނުދީ ސްކޫލަށް ނުފޮނުވައި އެކުދިންނަށް އިހުމާލުވަމުންދާ މައްސަލައާ ގުޅިގެން އަނިޔާ ލިބެމުންދިޔަ ހަ ކުދިން މިހާރު ތިބީ ދައުލަތުގެ ބެލުމުގެ ދަށުގައެވެ. އެ ކުދިންގެ ތެރޭގައި 13 އަހަރުގެ ކުއްޖާ އާއި އޭނާ ވިހެއި ދަރިފުޅު ވެސް ހިމެނެއެވެ.
ތޭރަ އަހަރުގެ ކުއްޖާގެ މައިންބަފައިންނަށް ދައުވާކުރަން ޕީޖީ އޮފީހުން ކުރިމިނަލް ކޯޓަށް މިއަދު ފޮނުވިއިރު، އެކުއްޖާއާ ކައިވެނީގެ ނަމުގައި ޖިންސީ ގުޅުން ހިންގި މައްސަލައިގައި ހައްޔަރުކުރި އިސްމާއިލް ހައްމާދުގެ މައްޗަށް ވެސް ދައުވާކޮށް ކޯޓަށް ވަނީ ފޮނުވައިފައެވެ. އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ދައުވާއެވެ.