ޚަބަރު

ފިލާ އޮތް ރާއްޖެ މިހާރު މިވަނީ ޝަރަފުވެރި ހައްގު މަގާމު ހޯދާފައި: މިނިސްޓަރު ޝާހިދު

އާނިފާ ހުސެއިން ސިރާޖް

ދުނިޔޭގެ ސިޔާސީ މަސްރަހުގައި ބޮނދައި، ގަލެއްގެ ދަށުގައި ފިލަން އޮތް އޮތުން ދޫކޮށް، ރާއްޖެ މިހާރު މިވަނީ ދިވެހިންގެ ޝަރަފުވެރި ހައްގު މަގާމު ހޯދާފައި ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އާ އަހަރުގެ ތަހުނިޔާ ފޮނުވައި ދެއްވި ވީޑިއޯ މެސެޖެއްގައި މިނިސްޓަރު ވިދާޅުވީ މިފެށުނު އަހަރަކީ ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބި އަމިއްލަ މިނިވަން ހާރިޖީ ސިޔާސަތެއް ހިންގަންފެށިތާ 55 އަހަރު ފުރޭ ތާރީހީ އަހަރު ކަަމަށާއި އާ އަހަރަށް މަރުހަބާ ކިޔަނީ އާ އަޒުމަކާ އާ ހިއްވަރަކާއެކު މުޅިން އާ ހަރުފަތްތަކެއް ގިރާކުރުމަށް ކަމަރު ބަނދެގެން ކަމަށެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޒައާމަތުގެ ފުރަތަމަ އަހަރު އެމަނިކުފާނުގެ ހާރިޖީ ސިޔާސަތު ހިންގުމުގައި އަޅުގަނޑުމެން މިވަނީ ކާމިޔާބީތަކެއް ހާސިލުކޮށްފައި. ދުނިޔޭގެ ސިޔާސީ މަސްރަހުގައި ބޮނދައި، ގަލެއްގެ ދަށުގައި ފިލަން އޮތް އޮތުން ދޫކޮށް، ދިވެހިރާއްޖެ މިހާރު މިވަނީ އަލުން އަނެއްކާވެސް ދިވެހިންގެ ޝަރަފުވެރި ހައްގު މަގާމު ހޯދާފައި," މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން ޒަމާންވީ ރަހުމަތްތެރިންނާ ގުޅުން ބަދަހިކޮށް އަތުގުޅާލައި، އިތުރު ގައުމުތަކާ ގުޅުން ގާއިމުކޮށް ދުނިޔޭގެ އިހުތިރާމާ ގަދަރު ލިބޭ ގައުމަކަށް ރާއްޖެ މިހާރު ވެފައިވާ ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އަމާޒަކީ ރާއްޖޭގެ މިނިވަންކަމާއި ސަރަހައްދުގެ ރައްކާތެރިކަން ހިމާޔަތް ކުރުމަށް ޑިޕްލޮމަސީގެ އައްޑަނަ ހުށިޔާރުކަމާއެކު ވަރުގަދަކުރުން ކަމަށެވެ. އަދި މިޖަޒީރާ ރާއްޖެއަކީ ދުނިޔޭގެ ހުރިހާ ކުދި ޖަޒީރާ ގައުމުތަކެއްގެ އުންމީދުތަކާއި ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމަށް ވަކާލާތުކުރާ އެންމެ އިސް ގައުމަށް ހެދުމަކީ ވެސް އަމާޒެއް ކަަމަށް ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ މަޝްރަހުގައި ރާއްޖެ އާއި ދިވެހި ރައްޔިތުންނަށް އާ ފުރުސަތުތައް ފަހިކޮށް، އެ ފުރުސަތުތަކުގެ ބޭނުން އެންމެ ފައިދާކުރަނިވި ގޮތެއްގައި ހިފުމަށް ދޮރުތައް ހުޅުވައިދޭނެ ކަމަށް ވެސް މިނިސްޓަރުގެ ވީޑިއޯ މެސެޖުގައި ވިދާޅުވިއެވެ.

އެގޮތުން ނިމިގެންދިޔަ އަހަރު ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނާއި ބޭރަށް ދަތުރުކުރާ ދިވެހިންނަށް ލިބިގެންދިޔަ ލުއިފަސޭހަތަކާއެކު މިފެށުނު އަަހަރުވެސް އިތުރު ލުއިފަސޭހަގޮތްތައް ހޯދައިދިނުމަކީ އަޒުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި އިންސާނީ ހައްގުތައް ހިމާޔަތްކޮށް، ކުރިއަރުވައި ޑިމޮކްރަސީގެ ހަމަތައް ނެގެހެއްޓުމަށް މަސައްކަތް ކުރުމާއި ދިވެހި ހާރިޖިއްޔާއަކީ ހުރިހާ ދިވެހި ރައްޔިތުން ފަހުރުވެރިވާފަދަ ހުނަރުވެރި ގާބިލު، ޕްރޮފެޝަނަލް ފޮރިން ސާވިސްއަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.