އަމިއްލަ ދަތުރުފުޅެއްގައި މެލޭޝިއާއަށް ވަޑައިގެން އެގައުމުގައި ހުންނާ ރާއްޖޭގެ އެމްބަސީގެ ކާރު ބޭނުންކޮށްފައި ނުވޭނެ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝިދާތާ މިހެން ވިދާޅުވީ މެލޭޝިއާއަށް ކުރެއްވި އަމިއްލަ ދަތުރުފުޅެއްގައި އެގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ވަސީލަތްތަކާއި ކާރު ބޭނުންކުރެއްވި ކަމަށް ތުހުމަތުކޮށް އެކަމަނާގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އިއްޔެ ހުށަހެޅުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ޝިދާތާ މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ މެލޭޝިއާ އެމްބަސީގެ ކާރު ބޭނުންކޮށްފައި ނުވާނެ ކަމަށާއި ކާރު ނުވެސް ދެކޭ ކަމަށެވެ. އަދި އެކަން ކަމާބެހޭ ފަރާތްތަކުން ބެއްލެވުމުން ވެސް ސާބިތުވާނެ ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ވައުދުވީ ހިޔާލު ފާޅުކުރުމާއި މީޑިއާގެ މިނިވަންކަން ހޯދައިދޭން. ސަރުކާރުގެ ވަޒީރަކާ މެދުވެސް ކުރެވޭ ތުހުމަތެއް އޮތްކަމުގައިވާނަމަ، އެފަދަ މައްސަލަތައް ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމުގެ ފުރުސަތު ހުޅުވިފައި އޮތްކަން މިއަދު މިދަނީ ފެންނަމުން," މިނިސްޓަރުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
މިނިސްޓަރު ޝިދާތާގެ މައްސަލަ އޭސީސީއަށް ހުށަހެޅި ނަމަވެސް، އެ މައްސަލަ ބަލަންފަށާފައިވާ ކަމެއް އޭސީސީއަކުން އަދި ހާމައެއް ނުކުރެއެވެ.