ތިމާވެއްޓާ ބެހޭ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު، ޑރ.ހުސައިން ރަޝީދު ހަސަންއާ ބައްދަލުކުރުމުގެ ފުރުސަތު އާންމުންނަށް ދިނުމަށް ނިންމައިފިއެވެ.
އިންވަޔަރަމަންޓް މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ އަންނަ އަހަރު ފެށުމުން ތިމާވެއްޓާ ބެހޭ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކޮންމެ އާދިއްތަ ދުވަހެއްގެ ހެނދުނު 9:00 އިން 10:00 އަށް މިނިސްޓަރާ ބައްދަލުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެގޮތުން މިނިސްޓަރާ ބައްދަލުކުރެއްވުމަށް އެއްވެސް އެޕޮއިންޓްމެންޓެއް ހައްދަން ނުޖެހޭނެ ކަމަށްވެސް ޓުވީޓުގައި ބުނެފައިވެއެވެ.
"2020 ވަނަ އަހަރު ފެށުމުން ތިމާވެއްޓާ ބެހޭ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކޮންމެ އާދީއްތަ ދުވަހެއްގެ ހެނދުނު 9:00 އިން 10:00 އަށް އެއްވެސް އެޕޮއިންޓްމަންޓަކާ ނުލައި އާންމުންނަށް އަޅުގަނޑާ ބައްދަލުކުރެވޭނެ- މިނިސްޓަރު،" މިނިސްޓްރީން މިއަދު ކުރި ޓުވީޓުގައި ބުނެފައިވެއެވެ.
ރާއްޖޭގެ ތިމާވެއްޓަކީ ނާޒުކު ތިމާވެއްޓަކަށް ވާއިރު، ގިނަ ރަށްތަކަކަށް ތިމާވެށީގެ މައްސަލަތައް ވަނީ ކުރިމަތިވެފައެވެ.