ގުޅީފަޅު ރައްޔިތުންނާ މެދު ސަރުކާރުން އަމަލުކުރާ ގޮތަކީ ހިއުމަން ޓްރެފިކިން ގާނޫނުގެ ތެރެއަށް ވަންނާނެ ކަމެއް ކަމަށް ގުޅީފަޅު މައްސަލައިގައި ޝާމިލުވާ ފަރާތްތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފިއެވެ.
ގުޅީފަޅު ހައުސިންގް ޕްރޮޖެކްޓުގެ ދަށުން ފްލެޓް ހޯދުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ނުލިބި ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން އެކަމާ ދެކޮޅަށް އަޑު އުފުލުމުގެ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ގުޅީފަޅުން ގޯތި ގަތް ހުސައިން ޝަފީގު ބުނީ، ގުޅީފަޅުން ގޯތި/ފުލެޓު ގަތުމަށް ފައިސާ ދެއްކި 140 އާއިލާއެއް ހާލުގައި ޖެހިފައިވާ ކަމަށެވެ.
ޝަފީގު ބުނީ ގުޅީފަޅުން ފްލެޓު ގަތުމަށް ފަހު މާލެ އައީ ފައިސާ ދައްކާ ތާރީހުން ފެށިގެން 18 މަސްތެރޭ ފައިސާ ދެއްކި ތަނުގައި ދިރިއުޅެވޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިނުމުން ކަމަށެވެ. އަދި ރަށުގައި ތިބި އަނބިދަރީން މާލެ ގެނައީ ކޮންމެހެން މާލޭގައި ދިރުއުޅެން ނޫން ކަމަށާއި ނަމަވެސް އަމިއްލަ ފައިސާ އިން ގަތް ތަނުގައި ދިރިއުޅުމުގެ އުންމީދުގައި ކަމަށް ޝަފީގު ބުންޏެވެ.
"އެއްވެސް ހާލެއްގައި އަހަރެމެން މިއައީ މާލެގައި ދިރިއުޅޭކަށެއް ނޫން، އަހަރެމެން ގަތް ތަނެއްގައި ދިރިއުޅޭން. އެތަނަށް އަހަރެމެންނަށް ނުވަދެވި މިހާދުވަސް މިވަނީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މިއީ ހިއުމަން ޓްރެފިކް ގާނޫނުގެ ތެރެއަށް ވަންނާނެ އެއްޗެއް،" ޝަފީގު ބުންޏެވެ.
ސަރުކާރަށް ހިއުމަން ޓްރެފިކިންގެ ތުހުމަތުކޮށް ޝަފީގު ބުނީ ހިއުމަން ޓްރެފިކިންއަކީ ހަމައެކަނި އެކަމުގައި ބޭރު މީހުން ހިމެނޭ ކަމެއް ނޫން ކަމަށެވެ. އަދި އޭނާ ދެކޭ ގޮތުގައި މި 140 އާއިލާގެ މީހުންގެ މިހާލަތަކީ ސަރުކާރުން އެމީހުން ހިއުމަން ޓްރެފިކް ކޮށްގެން ގެންގުޅުން ކަމަށް ގަބޫލު ކުރާ ކަމަށް ޝަފީގު ބުންޏެވެ.
މީގެ އިތުރުން ގުޅީފަޅުގެ މައްސަލައަކީ 140 އާއިލާއެއްގެ މަސްލަހަތު ހިމެނޭ ކަމެއްކަން މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދެއްކި ތިން މީހުން ވެސް ބުންޏެވެ. އެގޮތުން މިއީ ރާއްޖޭގެ މެދުމިނެއްގެ ރަށެއްގައި އާބާދީ ކަމަށް ވުމުން މިފަދަ ގިނަ ބައެއްގެ ހައްގު ހިފަހައްޓައިގެން ނުތިބުމަށް މި ނޫސްވެރިންގެ ބައްދަލުވުމުގައި ގުޅީފަޅު މައްސަލައިގައި ނާއިންސާފާ ކުރިމަތިވި ފަރާތްތަކުގެ ކިބައިން އެދިފައިވެއެވެ. އަދި އެފަރާތްތަކުގެ ހައްގުދީ، ސީލައިފް މައްސަލައިގައި ސަރުކާރުން އެހީވި ފަދައިން އެމީހުންނަށް އެހީތެރިވުމަށް އެދުނެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ގުޅީފަޅުން ބޯހިޔާވަހިކަމުގެ އުންމީދުގައި ފައިސާ ދެއްކި ފަރާތްތަކަށް އިންސާފު ނުލިބި ލަސްވުމުގެ ސަބަބުން އެފަރާތްތަކަށް ކުރިމަތިވާ ގެއްލުންތައް ނޫސްވެރިންނާ ހިއްސާކުރެއްވިއެވެ. އަދި ތަކުރާރުކޮށް ސަރުކާރުން މިކަމުން ވާ ހަމައެކަނި ގެއްލުމަކީ ފައިސާގެ ގެއްލުން ކަމަށް ބުނި ނަމަވެސް މިކަމުގެ ސަބަބުން ނަފްސާނީ މައްސަލަ ދިމާވެ، އެތައް އާއިލާއެއް ރޫޅިފައިވާ ކަމަށް އެފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.
2010 ވަނަ އަހަަރު ގުޅީފަޅު ތަރައްގީކޮށް ފްލެޓް ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ގްލޯބަލް ޕްރޮޖެކްޓް ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑް (ޖީޕީޑީ)އާއެވެ. ގުޅީފަޅުން ފްލެޓް ގަތް ފަރާތްތަކުގެ މައްސަލައަށް އަދިވެސް ހައްލެއް ލިބިފައި ނުވާއިރު 2016 ވަނަ އަހަރު ގުޅީފަޅުން ފްލެޓް ގަތް ހުރިހާ ފަރާތްތަކަށް ފްލެޓް ލިބޭނެ ގޮތް ހަމަޖައްސައިދީ، އެފަރާތްތަކާ ސަރުކާރުން ވަނީ ލިޔުމެއް ހަވާލުކޮށްފައެވެ.