ޚަބަރު

ތިމަރަފުއްޓާއި ގައްދޫގެ ބޮޑެތި މަގުތައް ހަދަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް

ގދ. ގައްދޫ އާއި ތ. ތިމަރަފުށީގެ ބޮޑެތި މަގުތައް ހެދުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ދެ ރަށުގެ މަގު ހެދުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކެވެ.

މި ދެ ރަށުގެ ތެރެއިން ގައްދޫގެ މަގުތައް ހެދުމަށް ހަވާލުކުރީ 134 މިލިއަން ރުފިޔާއަށް، 510 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. އެ މަޝްރޫއުގެ ދަށުން ގައްދޫގެ ހަ މަގެއްގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

ތިމަރަފުށީގެ މަގުތައް ހެދުމަށް އާރުޑީސީއާ ހަވާލުކުރީ 76 މިލިއަން ރުފިޔާއަށެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހޭ އެ މަޝްރޫއުގެ ދަށުން އެރަށުގެ އަށް މަގެއްގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް ހަދާނެއެވެ.

މީގެ އިތުރުން މިއަދު ޕްލޭނިން މިނިސްޓްރީން ވަނީ ހަ ރަށެއްގެ މަގު ހެދުމުގެ މަޝްރޫއުގެ ސާވޭ، ޑިޒައިން އަދި އީއައިއޭގެ މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކޮށްފައެވެ.

ހއ. ކެލާ، ރ. އަލިފުށި، ރ. ހުޅުދުއްފާރު، މ. މުލި، ލ. ގަން އަދި ތ. ގުރައިދޫގެ މަގު ހެދުމުގެ މަޝްރޫއު ސާވޭކޮށް އީއައިއޭ ހެދުމަށް ހަވާލުކުރީ ހަބްޝީ އިންޖިނިއަރިން ކޮންސަލްޓެންސް އޮފީހާއެވެ.

އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ 120 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، ތިން މިލިއަން ރުފިޔާގެ އަގަކަށެވެ.