ހދ. ކުޅުދުއްފުށި، ސިޓީއަކަށް ބަދަލުކުރި ނަމަވެސް އަންނަ އަހަރު ބޭއްވުމަށް ހަމަޖައްސާފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ ތާރީހަށް ބަދަލެއް ނާންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަދި ތަރުޖަމާނު އަހުމަދު އަކުރަމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވަނީ، މާދަމާއިން ފެށިގެން ހދ. ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދެއްވުމަށް ނިންމަވައި، އެކަން އިއުލާން ކުރައްވައިފައެވެ.
އެ ބަދަލާ ގުޅިގެން އިލެކްޝަން ކޮމިޝަނުން ވަނީ ކުޅުދުއްފުށީގައި ސިޓީ ކައުންސިލެއް އިންތިހާބު ކުރުމުގެ މަސައްކަތް ފަށައިފައެވެ.
އަކުރަމު ވިދާޅުވީ، ކުރިއަށް އޮތް ހަފްތާ ތެރޭގައި ކުޅުދުއްފުށި ސިޓީގެ ހަ ދާއިރާއެއްގެ ވަގުތީ ރިޕޯޓު ނިންމުމަށްފަހު ޝަކުވާއަށް ހުށަހެޅުމަށް ހުޅުވާލާނެ ކަމަށެވެ. އަދި ޝަކުވާތައް ޕްރޮސެސް ކުރުމަށްފަހު އަންހެނުންނަށް ހާއްސަ ދާއިރާތައް އިއުލާނު ކުރާނެ ކަމަށް ވިދާޅުވިއެވެ.
ލާމަރުކަޒީ ގާނޫނުުގެ ދަށުން ކައުންސިލަކަށް ސިޓީއެއްގެ ދަރަޖަ ލިބިގެންދާނީ އެކައުންސިލް ހިމެނޭރަށް ނުވަތަ ރަށްތަކުގައި ދިރިއުޅެ އާބާދީގެ އަދަދު 10،000 އަށް އެރުމުންނެވެ. ނަމަވެސް ގާނޫނީ ގޮތުން ރަށަކަށް ސިޓީގެ ދަރަޖަ ލިބޭނީ އެކަން ރައީސް އިއުލާނު ކުރެއްވުމުންނެވެ. އެގޮތުން ސިޓީއެއްގެ ދަރަޖަ ލިބޭ އަދަދަށް ކުޅުދުއްފުށީގެ އާބާދީ އަރާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.