އަމިއްލަ ކަމެއްގައި ދައުލަތުގެ މުދަލެއް ބޭނުންކުރެއްވި ކަމަށް ތުހުމަތުކޮށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފުގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.
އޭސީސީގެ މީޑިއާ އޮފިޝަލު "ވަން" އަށް ވިދާޅުވީ، މިނިސްޓަރު ޝިދާތާއަށް ތުހުމަތު ކުރެވޭ މައްސަލައެއް އެކޮމިޝަނަށް ހުށަހެޅީ މިއަދު ކަމަށެވެ.
ޝިދާތާއަށް ތުހުމަތުކޮށް އޭސީސީއަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، އަމިއްލަ ދަތުރުފުޅެއްގައި މިނިސްޓަރު މެލޭޝިއާއަށް ވަޑައިގެން، އެގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ވަސީލަތްތަކާއި ކާރު ބޭނުންކުރެއްވި ކަމަށެވެ.
އޮފިޝަލު ވިދާޅުވީ، އަމިއްލަ ފަރާތަކުން ހުށަހެޅި އެ މައްސަލައިގައި ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. ނަމަވެސް އެ މައްސަލަ ބަލަން ފެށި ކަމެއް އޮފިޝަލު ވިދާޅެއް ނުވެއެވެ.
އޭސީސީން ދަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ މައްސަލައެއް ވެސް ބަލަމުންނެވެ.
އެ މައްސަލައަކީ މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ރައީސް ނަޝީދު ދެކުނަށް ކުރެއްވި ދަތުރުފުޅަކީ މަޖިލީހުގެ ބަޖެޓުން ހަރަދުކޮށްގެން އެމްޑީޕީގެ އެކްޓިވިސްޓުންނާ ބައްދަލުކުރެއްވި ދަތުރުފުޅެއް ކަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ.
ދެކުނުގެ އަތޮޅުތަކުގެ ކައުންސިލަރުންނަށް ހާއްސަކޮށްގެން ގއ. ވިލިނގިލީގައި "ދެކުނު މަހާސިންތާ"ގެ ނަމުގައި ބައްދަލުވުމެއް ބޭއްވީ އޮކްޓޯބަރު 30 ގައެވެ.