ޚަބަރު

ބޯޓެއްގެ ފަޅުވެރިއަކު ކުޑަކުއްޖަކާ ބެހެން އުޅުނު މައްސަލައެއް ފެންމަތިވެއްޖެ

މަރިޔަމް ޝަހުދާ

މާލެއަށް ދަތުރުކުރަމުން އައި ބޯޓެއްގައި މަސައްކަތްކުރާ ފަޅުވެރިއަކު ކުޑަކުއްޖަކާ ބެހެން އުޅުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.

މި މައްސަލަ ބަލަމުން އަންނަކަން ޖެންޑާ މިނިސްޓްރީން ވަނީ "ވަން" އަށް ކަށަވަރުކޮށްދީފައެވެ. ޖެންޑާ މިނިސްޓްރީން ބުނީ މިއަދުގެ ވަގުތެއްގައި އެފަދަ މައްސަލައެއް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ފުލުހުންނާއި ގުޅިގެން އެ މައްސަލަ ބަލަމުން އަންނަ ކަމަށް މައުލޫމާތުދިނެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ މާލޭގެ ދެކުގެ ރަށަކުން ފުރައިގެން އައި ދޯންޏެއްގެ ފަޅުވެރިއެއް 18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މިއަދު ފަތިހު 5:50 ހާއިރު ހުށަހަޅަފައިވާ ކަމަށެވެ. އަދި އެކަމުގެ ތުހުމަތު ކުރެވޭ 44 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ބުންޏެވެ.

މައުލޫމާތު ލިބޭގޮތުގައި ފަޅުވެރިޔާ ކުޑަކުއްޖާއާ ބެހެން މަސައްކަތްކޮށްފައިވަނީ ދަތުރުމަތީގައެވެ.

މި މައްސަލައިގައި ހިމެނޭ ކުޑަކުއްޖާގެ މައުލޫމާތު އާންމު ނުކުރުމަށް ފުލުހުންނާއި ޖެންޑާ މިނިސްޓްރީން އެދެއެވެ. އެގޮތުން ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި ކުޑަކުދިންގެ ރަށާއި އުމުރުފަދަ އެކުދިންގެ ވަނަވަރު އެނގޭނެ މައުލޫމާތު އާންމު ނުކުރުމަށް އިދާރާތަކުން އެދެއެވެ.