ބޮޑު ބަންދާ ދިމާކޮށް ކުށް މަދުކުރުމަށް މިދިޔަ ހަފްތާއިން ފެށިގެން ފުލުހުން ހިންގަމުންދާ އޮޕަރޭޝަންގައި މިހާތަނަށް 6867 އުޅަނދަކާއި 908 މީހެއް ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
"ރިވެލި އޮޕަރޭޝަން"ގެ ނަމުގައި މިމަހު 22 އިން ފެށިގެން ފުލުހުން ހިންގަމުންދާ އޮޕަރޭޝަންއާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލެ ސިޓީ ޕޮލިސްގެ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވީ އެ އޮޕަރޭޝަނަކީ މާލެ، ވިލިމާލެ އަދި ހުޅުމާލެގައި ދިރިއުޅުއްވާ ފަރާތްތަކާއި އެކި ކަންކަމުގައި ޒިޔާރަތްކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށެވެ.
އެގޮތުން އޮޕަރޭޝަންގައި ފޭރުމަށް ބޭނުން ކުރާ އާލާތްތަކާއި އާއަހަރު ފާހަގަ ކުރުމަށް ހިންގާ ހަރަކާތްތަކަށް ފަންޑު ހޯދުމަށް ފޭރިފައިވާ ފައިސާ އާއި ބަނގުރާ އަދި މަސްތުވާތަކެތި ބޭނުންކުރާ އާލާތްތަކުގެ އިތުރުން މަސްތުވާތަކެތި ވެސް އަތުލައިގެންފައިވާ ކަމަށް ސަމީރު ވިދާޅުވިއެވެ.
އޭގެ އިތުރުން މާލެ އަދި ވިލިމާލޭގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކޮށް، ކުރިން ޕެޓްރޯލް ކުރަން ގެންގުޅުނު ޕެޓާންތައް ބަދަލުކޮށްފައިވާއިރު، ކުށް ހިންގަފާނެ ކަމަށް ބެލެވޭ ސަރަހައްދުތަކަށް ހާއްސަ ސަމާލުކަމެއް ދީގެން އެފަދަ ތަންތަން ބަލައި ފާސްކުރުމާއި ޝައްކު ކުރެވޭ މީހުންނާއި އުޅަނދުތައް ބަލައި ފާސްކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވާ މީހުންގެ އަދަދެއް ސަމީރު ހާމައެއް ނުކުރައްވައެވެ. ވިދާޅުވީ މި ވަގުތައް އެމައުލޫމާތު އާންމު ކުރެވެން ނެތް ކަމަށެވެ.
ސަމީރު ވިދާޅުވީ، ކުށް މަދުކުރުމަށް ހިންގަމުންދާ އެ އޮޕަރޭޝަންގެ ތެރެއިން މަގުމަތީގައި ހިނގާ މީހުންނަށް އުނދަގޫވާނެހެން ޕާކުކޮށްފައިވާ އުޅަނދުތައް ވެސް ނަގަމުންދާ ކަމަށެވެ. އަދި އާ އަހަރު ފާހަގަ ކުރުމަށް އެއްވެސް ހަރަކާތެއްހިންގާނަމަ އެކަމަށް ނަގަންޖެހޭ ހުއްދަ ނަގައިގެން އެ މަސައްކަތް ކުރިއަށް ގެންދިއުމަށް އިލްތިމާސް ކުރެއްވިއެވެ.