ނ. މާޅެންދޫ އިން ބަލި މީހަކު ގޮވައިގެން ފުރި ސީ އެމްބިއުލާންސެއް އެކްސިޑެންޓުވެއްޖެއެވެ.
މާޅެންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޝާހް މޫސާ "ވަން" އަށް ވިދާޅުވީ، އެ ހާދިސާ ހިނގާފައިވަނީ ރޭ ފަތިހު 5:20 އެހާކަންހާއިރު ކަމަށެވެ.
ލޯންޗު އެކްސިޑެންޓުވީ އެރަށުން ބަލި މީހަކު ގޮވައިގެން އެ އަތޮޅު މަނަދޫއަށް ފުރި ސީ އެމްބިއުލާންސް އެއް ހިލަ ތޮށީގެ ކޮޅުގައި ޖެހިގެން ކަމަށާއި ތޮށިގަނޑުގައި ޖެހުމުގެ ސަބަބުން ލޯންޗު ފަޅައިގެން ގޮސް ދިޔަވާން ފެށި ކަމަށް ޝާހު ވިދާޅުވިއެވެ.
އެވަގުތު ބަނދަރުމަތީގައި ތިބި މީހުންގެ އެހީތެރިކަމާއެކު ވާ ޖަހައިގެން ލޯންޗު، ހިލަ ތޮށްޓާ ކައިރިކޮށް އޭގައި ތިބި މީހުން ތޮށިގަނޑު މައްޗަށް ނަގައިި، ވަނީ ސަލާމަތްކޮށްފައެވެ. ނަމަވެސް ލޯންޗު ފަޅަށް ވެއްދިފަހުން، ލޯންޗު ބަންޑުން ޖަހާލައި، ފަޅުތެރެއަށް ވަނީ އަޑިއަށް ގޮސްފައެވެ.
ޝާހު ވިދާޅުވީ، ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށެވެ. އަދި މަނަދޫއަށް ފުރުވާލި ބަލި މީހާ ފުލުހުންގެ ލޯންޗެއްގައި މިއަދު ހެނދުނުގެ ވަގުތެއްގައި މަނަދޫއަށް ފުރުވާލާފައިވާ ކަމަށް ވިދާޅުވިއެވެ.