ޚަބަރު

ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ

މަރިޔަމް ޝަހުދާ

މިރޭ 8:24 ހާއިރު ފުވައްމުލަކު ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 37 އަހަރުގެ ފިރިހެނަކަށާއި 19 އަހަރުގެ އަންހެނަކަށް ކަމަށެވެ. އެގޮތުން ފިރިހެން މީހާގެ މޫނުގެ ކަނާތްފަޅި ވަރަށް ބޮޑަށް މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. އަދި އަންހެން މީހާގެ ގައިގެ އެކި ތަންތަން މަށައިގެން ދިއުން ފަދަ އެކި އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެ ދެމީހުންނަށް ވެސް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގާފައިވަނީ ފުވައްމުލަކު ދަނޑިމަގު ގޭ މިސްކިތާއި ދިމާލަށް ނައިބު ތުއްތުމަގުން ބާރަށް ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުކުރެވިގެން ވެއްޓުމުގެ ސަބަބުން ކަމަށެވެ. އަދި އެ އެކްސިޑެންޓުގައި އަނިޔާވި 37 އަހަރުގެ މީހާ އިނީ ސައިކަލު ދުއްވަން ކަމަށާއި 19 އަހަރުގެ މީހާ އިނީ ސައިކަލު ފަހަތުގައި ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

އެ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް ކަން ފުލުހުން ފާހަގަކުރިއެވެ. އަދި މިހާރު އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.