ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެމްޑީޕީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އަންނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ރަށު ކައުންސިލާއި އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލް ތަކަށް ކުރިމަތިލާން، ޕާޓީގެ ޓިކެޓު ހޯދުމަށް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާ ކަމަށެވެ.
އެގޮތުން ދާއިރާތަކަށް ވާދަކުރައްވަން ބޭނުންވާ އެ ޕާޓީގެ މެންބަރުން އެބޭފުޅަކު ކުރިމަތިލައްވަން ބޭނުންވާ ދާއިރާއަށް ކުރިމަތިލުމަށް އެދޭ ފޯމް ފުރިހަމަކޮށް ފޯމާއެކު ހުށައަޅަންޖެހޭ އެންމެހާ ލިޔެކިޔުންތަކާއެކު ޕާޓީގެ ސެކްރެޓޭރިއަޓަށް އަންނަ މަހު 10 ވަނަ ދުވަހުގެ ހަވީރު 4:00ގެ ކުރިން ހުށައެޅުއްވުން އެދޭ ކަމަށް އިއުލާނުގައިވެއެވެ.
ނަމަވެސް މަގާމުތަކަށް ކުރިމަތިލުމާއި މަގާމުތަކަށް ކުރިމަތިލާފައިވާ ފަރާތްތަކަށް ވޯޓު ލެވޭނީ މާދަމާ މެންދުރުފަހު 2:00 ނިޔަލަށް އެ ޕާޓީގެ މެމްބާޝިޕް ކޮމިޓީން މެންބަރެއްގެ ގޮތުގައި ބަލައިގެންފައިވާ މެންބަރުންނަށެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓަށް ވާދަކުރުމުގެ ފުރުސަތު މިއަދު ހުޅުވާލައިފައިވާއިރު، ޕްރައިމަރީގައި ވާދަކުރަން ބޭނުންވެގެން ކުރިމަތިލި ކެންޑިޑޭޓުންގެ ލިސްޓު އާންމުކުރާނީ އަންނަ މަހުގެ 13 ވަނަ ދުވަހުއެވެ. އަދި ފައިނަލް ވޯޓާސް ލިސްޓު ޖެނުއަރީ 15 ވަނަ ދުވަހު އާންމު ކުރާނެ އެމްޑީޕީން ބުނެއެވެ.
އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ކުރިޔަށްދާނީ އަންނަ މަހު 31 ވަނަ ދުވަހުއެވެ.
ޕްރައިމަރީގައި ކުރިމަތިލުމަށް އެދޭ ފޯމް އެމްޑީޕީގެ ސެކްރެޓޭރިއަޓުންނާއި އެޕާޓީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ސިޓީ ކައުންސިލުތަކުން އަންހެން މެންބަރުން އިންތިހާބު ކުރަން ޖެހޭނެ ދާއިރާތައް ގުރުއަތުން އީސީން ވަނީ ހޮވައި، އެ ދާއިރާތައް އާންމުކޮށްފައެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރަށު ކައުންސިލަރުންގެ ގޮތުގައި 923 މީހުން އިންތިހާބުކުރާއިރު ސިޓީ ކައުންސިލަރުންގެ ގޮތުގައި 39 މީހުން އިންތިހާބު ކުރާނެއެވެ. އޭގެ ތެރެއިން 33 އިންސައްތަ އަންހެނުންނަށް ހާއްސަކޮށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ވަނީ މިމަހު ފަސްވަނަ ދުވަހު ފާސްކޮށްފައެވެ.