ސީރިއާއަށް އުފަން އުމުރުން އެންމެ 15 އަހަރުގެ ގަޒަލްއަކީ އުފަންވި އިރުވެސް ލޮލުގެ ފެނުން ގެއްލިފައިވާ ކުއްޖެކެވެ. އަދި ހެދިބޮޑުވުމަށް ހުރަސް އެޅޭ ކަށީގެ ބައްޔެއް ވެސް އޭނާގެ ހުރެއެވެ. ނަމަވެސް ސީރިއާގައި އުޅެމުންދާ ނިކަމެތި ހާލާއި ހުރި ނުކުޅެދުންތެރިކަމާއެކު ވެސް އޭނާ ދެކެން ބޭނުންވާ ދުވަހެއް އޮވެއެވެ. ދެކެމުންދާ އުންމީދަކާއި ހުވަފެނެއް އޮވެއެވެ. އެއީ އުފަން މަންމަ ދެކިލުމެވެ.
ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލި، ރެފިއުޖީ ކޭމްޕެއްގައި އުޅެން މަޖުބޫރުވެފައިވާ ގަޒަލް ބުނި ގޮތުގައި، އެއީ އޭނާ އަށާއި އާއިލާއަށް ކުރިމަތިވެފައިވާ ބޮޑު ޕްރެޝަރެކެވެ. ނަމަވެސް އޭނާގެ ހުރިހާ ނުކުޅެދުންތެރިކަމަކާއި ދިރިއުޅުމުގައި ދިމާވެފައިވާ އުނދަގޫތަކަކާއެކުވެސް މަންމަ އަބަދުވެސް އޭނާ މާޔޫސްވިޔަ ނުދީ އުންމީދު އާކޮށްދީ، އުފާ ކޮށްދޭ ކަމަށް ގަޒަލް ބުންޏެވެ.
"މި ހުރިހާ އުނދަގޫތަކަކާ އަހަރެންގެ ނުކުޅެދުންތެރިކަމާ އެކުވެސް އަހަރެންގެ މަންމަ އަހަރެން އުފާކޮށްދީ އުންމީދު އާކޮށްދޭ. މަންމަ ނިދަނީ އަހަރެން ނިދީމަ، އަދި އަހަރެން ހޭލާ އިރަށް މަންމަ ވެސް ހޭލާ" ގަޒަލް ކިޔައިދިނެވެ.
ގަޒަލް ބުނީ ތަރިތަކާއި ހަނދާއި އިރު ވެސް އޭނާ ބަލާލަން ބޭނުންވެއެވެ. އަދި އޭނާގެ އަމިއްލަ ސިފަވެސް ދެކެން ބޭނުންވާ ކަމަށެވެ. ނަމަވެސް އެ ހުރިހާ އެއްޗަކަށްވުރެ ވެސް ބޮޑަށް ދެކިލަން ބޭނުންވަނީ އެންމެ އިންސާނެކެވެ. އެއީ މަންމައެވެ. އަދި ގަޒަލްގެ ހާލާމެދު ދެރަވެ ހިތާމަކުރަމުންދާ އޭނާގެ މަންމަގެ ކަރުނަ ފޮހެދެމުން ގަޒަލް ބުނީ މަންމައާއެކު ހުންނަ ވަގުތުގައި އޭނާގެ ހުރިހާ ނުކުޅެދުންތެރިކަމެއްގެ މަތިން ހަނދާންނެތޭ ކަމަށެވެ.
"ކޮންމެ ދުވަހަކުވެސް މަންމަ އަހަރެން ކައިރީ އިނދެގެން އަހަރެންދެކެ މަންމަ ލޯބިވާވަރު ހަނދާންކޮށްދޭ. އަހަންނަކީ ކިހާ ރީތި އަދި މަޖާ ކުއްޖެއްކަން އަހަންނަށް ބުނެދޭ... އަހަރެން ދުވަހަކުވެސް މަންމައެއް ނުދެކެން. އެކަމަކު އެއީ މުޅި ދުނިޔޭގައިވެސް ހުރި އެންމެ ރީތި މީހާކަން އަހަންނަށް އެނގޭ. މަންމަ ދެކެން ބޭނުން އަދި މަންމައަށް ހުރިހާ ކަމެއް ކޮށްދޭން ބޭނުން" ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ ގަޒަލް ރޮމުން ބުންޏެވެ.
މިއީ ސީރިއާގައި ދިރިއުޅެމުން އަންނަ އަޅުގަނޑުމެންގެ މުސްލިމު އެތައް އުޚުތުންނަކާއި އަޚުންނެއްގެ ތެރެއިން އެންމެ ކުއްޖެއްގެ ވާހަކައެވެ. އެގައުމުގައި ދިރިއުޅޭ މުސްލިމުންނަށް މިއަދު ކުރިމަތިވެފައިވަނީ އިންތިހާއަށް ނިކަމެތި ހާލަތެކެވެ. އެގައުމެ ފަސްގަނޑުގައި، މުސްލިމުން މަރަމުންދަނީ އެއްވެސް ރަހުމެއް ނެތިއެވެ. އާއިލާތައް ވަނީ ބިކަވެފައެވެ. މައިންބަފައިން ގަތުލުކުރުމުގެ ސަބަބުން އެތައް ހާސް ކުޑަކުދީންނެއް ވަނީ ޔަތީމުވެފައެވެ.