ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި ފުލުހުންނަށް ވައްކަމުގެ މައްސަލަތައް އެންމެ ގިނައިން ހުށަހެޅީ މިއަހަރުގެ ތެރޭގައިކަން ފުލުހުންގެ ތަފާސް ހިސާބުން ހާމަވެއްޖެއެވެ.
ފުލުހުންގެ ރަސްމީ ވެބްސައިޓުގައި ކޮންމެ ދުވަހަކު އަޕްޑޭޓް ވަމުންދާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރު އެކަނި ޖުމްލަ 4524 ވައްކަން ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ. އެއީ އަހަރުގެ ކޮންމެ ދުވަހަކަށް ބަހާލާނަމަ، ދުވާލަކު 12 ވައްކަމެވެ. އަދި މިއީ 2015 ވަނަ އަހަރުން ފެށިގެން މިހާތަނަށް އަހަރެއްގެ ތެރޭގައި އެންމެ ގިނައިން ވައްކަން ރިޕޯޓުކުރި އަހަރެވެ.
މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ވައްކަމުގެ މައްސަލަތައް ރިޕޯޓުކުރި އަދަދު ވަނީ 38 ޕަސެންޓް އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރު ވައްކަން ކޮށްގެން ފުލުހުންނަށް 3272 މައްސަލަ ހުށަހަޅާފައިވާކަން ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މިއަހަރުގެ ތެރޭގައި ވައްކަމުގެ މައްސަލަތައް އެންމެ ގިނައިން ހުށަހަޅާފައިވަނީ، ސެޕްޓެމްބަރު، އޮކްޓޯބަރު އަދި ޑިސެމްބަރު މަހުގައެވެ. އެ ތިން މަހު 418 ވައްކަމުގެ މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވެއެވެ.
މިއަހަރު އެންމެ މަދުން ވައްކަމުގެ މައްސަލަތައް ހުށަހަޅާފައިވަނީ މާރިޗް މަހުގައެވެ. އެއީ 271 ވައްކަމުގެ މައްސަލައެވެ. އެ މަހަކީ މިއަހަރުގެ ތެރޭގައި ވެސް 300 އަށްވުރެ މަދުން ވައްކަމުގެ މައްސަލަތައް ފުލުހުންނަށް ހުށަހެޅި ހަމައެކަނި މަހެވެ.
ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ދެވަނަ އަށް އެންމެ ގިނަ ވައްކަމުގެ މައްސަލަ ހުށަހަޅާފައިވަނީ 2015 ވަނަ އަހަރުއެވެ. އެއަހަރުގެ ތެރޭގައި ވައްކަމުގެ 4008 މައްސަލަ ހުށަހަޅާފައިވެއެވެ. އަދި ޖެހިގެން އައި އަހަރު 3617 ވައްކަމުގެ މައްސަލަ ހުށަހެޅިއިރު، 2017 ވަނަ އަހަރު ވައްކަން ކޮށްގެން ހުށަހަޅާފައިވަނީ 3504 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެއެވެ.