ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހާލުކޮޅު ރަނގަޅު ކަމަށް އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
ވޭތުވެދިޔަ ފަސް ވަރަކަށް ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށްފަހު ރައީސް މައުމޫން މިއަދު ވަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައެވެ.
އެކަމާ ގުޅިގެން ޔުމްނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް މައުމޫން ހޮސްޕިޓަލުގައި އެޑްމިޓްކުރީ ރޯގާ ދިގުލައިގެންދާތީ ޓެސްޓުތައް ހަދައި ފަރުވާ ދިނުމަށް ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށާއި ހުރިހާ ބޭފުޅުންގެ ހެޔޮ ދުއާއަށް ޝުކުރު އަދާކުރާ ކަމަށް ޔުމްނާ ވިދާޅުވިއެވެ.
ރައީސް މައުމޫން އާލާސްކަންފުޅާ އުޅުއްވާތީ ދޭތެރެ ދޭތެރެއިން ރާއްޖެއިން ބޭރަށް ވެސް ވަޑައިގެން ފަރުވާ ހޯއްދަވައެވެ. އެގޮތުން މިއަހަރުގެ ތެރޭގައި ވެސް އެއްފަހަރަށްވުރެ ގިނަ ފަހަރު އެމަނިކުފާނު ރާއްޖެއިން ބޭރަށް ފަރުވާއަށް ވަޑައިގެންނެވިއެވެ. އަދި އާލާސްކަންފުޅާ ގުޅިގެން ދައުލަތުން ބާއްވަވާ ބައެއް ހަފްލާތަކަށް ވެސް އެމަނިކުފާނަށް ވަޑައިނުގެންނެވެއެވެ.
ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި މިވަނީ އެމަނިކުފާނުގެ 82 ވަނަ އުފަންދުވަސް އިއްޔެ ފާހަގަކޮށްފައި ވަނިކޮށެވެ.