ސާވިސް ޗާޖުގެ ގޮތުގައި ހޮނޑާފުށި އައިލެންޑް ރިސޯޓުން ދެނީ އެންމެ 11 ޑޮލަރު ކަމަށް ބުނުމުން އެއީ ރިސޯޓު ބަދުނާމު ކުރުން ކަމަށް ބުނެ އެ ރިސޯޓުގެ ވަޒީފާއިން ވަކިކުރި މުވައްޒަފުގެ ދިފާއުގައި އެތައް ބަޔަކު ނުކުމެއްޖެއެވެ.
ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމާއި އޭނާގެ ކޮއްކޮ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު ހަމްޒާގެ އާއިލީ ކުންފުނި، ތްރީ އޭ ކުންފުނިން ހިންގާ ހޮނޑާފުށިން މިދިޔަ މަހު ސާވިސް ޗާޖްގެ ގޮތުގައި ދީފައިވަނީ އެންމެ 11 ޑޮލަރު (169ރ.)އެވެ.
އިއްޔެ ވަޒީފާއިން ވަކިކޮށްފައިވަނީ އެ ރިސޯޓުގެ ސެކިއުރިޓީއެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ތ. ގުރައިދޫއަށް އުފަން އަހުމަދު ޝިމްހާޒް އިބްރާހިމެވެ. އުމުރުން 29 އަހަރުގެ އެ ޒުވާނާ ރިސޯޓުގެ ވަޒީފާއިން ވަކިކޮށް، ރޭ ވަނީ ރިސޯޓުން ވެސް ބާލައިފައެވެ.
ޝިމްހާޒު ބުނި ގޮތުގައި، އޭނާ ވަޒީފާ އިން ވަކިކުރި ސަބަބެއް ކަމަށް ރިސޯޓުން އެންގީ، ރިސޯޓް މުވައްޒަފުންގެ ހައްގުގައި އަޑު އުފުލުމަށް ހިންގާ "ރިސޯޓް ބޯއީޒް" ފޭސްބުކް ޕޭޖަކަށް ހޮނޑާފުށީގެ މައުލޫމާތު ދެނީ އޭނާ ކަމަށް ތުހުމަތު ކުރުމަށްފަހު ކަމަށާއި އޭނާގެ ވަޒީފާ ގެއްލޭވަރުގެ ކަމެއް ނުކުރާ ކަމަށެވެ. ނަމަވެސް އޭނާ ލައްވާ ޓާމިނޭޝަން ސިޓީގައި ވެސް ސޮއިކުރަން އުޅެނީ ފަރުވާ ކުޑަކަމަށް ބުނެ ކަމަށް ޝިމްހާޒު ބުނެއެވެ.
އެ މައްސަލައާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށާއި ޓޫރިޒަމް މިނިސްޓްރީއަށް ވަނީ އަމާޒުވެފައެވެ. އަދި ރިސޯޓުތަކުގެ މުވައްޒަފުން ދަނީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އިސްތިއުފާ އަށް ވެސް ގޮވާލަމުންނެވެ.
އެގޮތުން ފޮނަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މޫސާ ސިރާޖު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މުވައްޒަފުންގެ ހައްގުތައް ރައްކާތެރި ކުރެވެންޖެހޭނެ ކަމަށެވެ.
"ސާވިސް ޗާޖަކީ މުވައްޒަފުންގެ ހައްގެއް. ހަމައަށް ސާވިސް ޗާޖު ނުދޭނަމަ އެވާހަކަ ދައްކާނެ. ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ސާވިސް ޗާޖު ނުދޭ ފަރާތްތަކަށް ފިޔަވަޅު އަޅަންޖެހޭ،" ސިރާޖުގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
ކުރީގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވީ، ޝިމްހާޒުގެ ހައްގުތައް ހިމާޔަތް ކުރަންޖެހޭ ކަމަށާއި އެކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފިޔަވަޅެއް އަޅުއްވަންޖެހޭ ކަމަށެވެ.
"އެޖެންޑާ 19 އަށް ވޯޓު ދިނީމަ ރިސޯޓު މުވައްޒަފުން އަނބިމީހާ ކައިރިއަށް ނިދަން ދެވޭނެ އޭ ބުނި އަޑު ވެސް އިވުނު. މިއީތޯ އެގޮތަކީ. މި ކުއްޖާގެ ހައްގުތައް ހިމާޔަތް ކުރަންޖެހޭ،" ޝަހީމު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
ޝިމްހާޒްގެ މައްސަލާގައި އެޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ކޮށްފައިވާ ފޭސްބުކް ޕޯސްޓެއްގައި ބުނީ، އެ މައްސަލަ ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އަދި ގާނޫނީ ގޮތުން ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުނެ އެވެ.