އާ އަހަރުގެ ބަންދާ ދިމާކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މާދަމާ ސްރީ ލަންކާއަށް ފުރާވަޑައިގަންނަވަން ނިންމަވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު "ވަން" އަށް މިއަދު ވިދާޅުވީ ރައީސް ލަންކާއަށް ކުރައްވާ ދަތުރުފުޅަކީ އަމިއްލަފުޅު ދަތުރުފުޅެއް ކަމަށާއި އެގައުމުގެ ހަތަރު ދުވަސް ހޭދަ ކުރައްވާނެ ކަމަށެވެ.
އެގޮތުން ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހު ކަމަށް ހޫދު ވިދާޅުވިއެވެ.
އަމިއްލަފުޅު ދަތުރުފުޅެއްގައި ރައީސް ލަންކާއަށް ވަޑައިގަންނަވާއިރު، މިއަހަރުގެ އީދު ޗުއްޓީއާ ދިމާކޮށް ވެސް އެމަނިކުފާނާއި އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ވަނީ ލަންކާއަށް ވަޑައިގެންފައެވެ. ރައީސް ސޯލިހުގެ އާއިލީ ބައެއް ބޭފުޅުން އެގައުމުގައި ދިރިއުޅުއްވައެވެ.