ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މަޖިލީހުގެ ރައީސާއި ނައިބު ރައީސް، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމާއި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. އެ ބައްދަލުކުރެއްވުން އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް، ރައީސުލްޖުމްހޫރިއްޔާއަށް މަރުހަބާ ދެންނެވިއެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ އެންމެހާ އިންތިޒާމުތައް ފުރިހަމައަށް ގެންގޮސްދެއްވި ކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީ ޑިމޮކްރެސީގެ ހަމަތަކާއި އުސޫލުތައް ހިފަހައްޓާ ނަމޫނާ މުއައްސަސާއަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެ ބައްދަލުކޮށްލެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ޤައުމުގެ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ދެއްވެން އޮތް އެއްބާރުލެއްވުމެއް ދެއްވަމުން ގެންދަވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.