އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ޏ. ފުވައްމުލަކު މަސްޖިދުލް އިނާރާ އޭސީ ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.
ފުވައްމުލަކު މަސްޖިދުލް އިނާރާގައި އެއާކޯނު ޔުނިޓުތައް ބަހައްޓައި، ސޯލާ ޕެނަލް ހަރުކޮށް، ކަރަންޓު ވިއުގައާ ގުޅާލުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އަވި ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑާއެވެ. ވިހި ދުވަސް ތެރޭގައި އެ މަސައްކަތް ނިންމުމަށް އެ ކުންފުންޏާ ހަވާލުކުރީ 920،500 ރުފިޔާއަށެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ މިއަހަރަށް ކަނޑައެޅިފައި އޮތީ އިއާދަކުރަނިވި ހަކަތައިން 11 މިސްކިތެއް އޭސީ ކުރުމަށް ކަމަށާއި އެއީ އަތޮޅުތެރޭގެ ނުވަ މިސްކިތާއި މާލޭގެ ދެ މިސްކިތް ކަމަށެވެ.
އެގޮތުން އަތޮޅުތެރޭން މިއަހަރަށް ކަނޑައެޅި ހުރިހާ މިސްކިތުގެ އެއްބަސްވުމުގައި ސޮއިކޮށް، މަސައްކަތް ހަވާލުކޮށްފައިވާއިރު، މާލޭގެ މިސްކިތުގެ މަސައްކަތް އަދި ނުފެށޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް ވަރަށް އަވަހަށް އެ ދެ މިސްކިތުގެ މަސައްކަތުގައި ވެސް ސޮއިކުރާނެ ކަމަށް ވިދާޅުވިއެވެ.
ފުވައްމުލަކު މަސްޖިދުލް އިނާރާގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އޭސީ ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރިއިރު، ނ. ކެނދިކުޅުދޫ މަސްޖިދުލް އީމާން އޭސީކުރުމުގެ މަސައްކަތް އިއްޔެ ވަނީ ބަޔަކާ ހަވާލުކޮށްފައެވެ.
އެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ވަނީ، ކުރިއަށް އޮތް ދެ އަހަރާއި ބައިގެ ތެރޭގައި ރާއްޖޭގެ ހުރިހާ މިސްކިތްތައް އޭސީކޮށް ނިންމާލުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ރާއްޖޭގެ ހުރިހާ މިސްކިތްތައް ސޯލާ ޕެނަލް ނުވަތަ އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އޭސީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ.