ސީޕްލޭން ޓާމިނަލް ހިންގުމުގެ ފުރިހަމަ ގާބިލްކަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް) ގައި އެބަހުރި ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް ހިންގުން ޖީއެމްއާރު އަތުން ނެގީ އެމްއޭސީއެލް އަށް އެކަން ކުރުމުގެ ގާބިލުކަން ހުރުމުން ކަމަށެވެ. އެހެންކަމުން "ކުޑަކުޑަ" ސީޕްލޭން ޓާމިނަލެއް ހިންގާލުމުގެ ގާބިލުކަން އެކުންފުނީގައި އެބަހުރި ކަމަށް ވިދާޅުވިއެވެ.
"ކުޑަކުޑަ ސީޕްލޭން ޓާމިނަލްއެއް ހިންގާލުމުގެ ފުރިހަމަ ގާބިލުކަން އެމްއޭސީއެލްގެ އެބަހުރި އަދި އެކަން އެގޮތަށް ކުރާނެ ކަމާމެދު ޝައްކެއް ނެތް. އެއްބަސްވުންތަކަށް އިހުތިރާމުކޮށް ކުރިއަށްދާނެ،" ފައްޔާޒުގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
އެމްއޭސީއެލް އިން 55 މިލިއަން ޑޮލަރު (849 މިލިއަން ރުފިޔާ) ހޭދަކޮށްގެން ހަދާ ސީ ޕްލޭން ޓާމިނަލް، ރާއްޖޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ޓީއެމްއޭއަށް ދޭން، އެމްއޭސީއެލުން މަޝްވަރާކުރިއެވެ.
ނަމަވެސް އެގޮތަށް އެއްބަސްވެއްޖެނަމަ އެމްއޭސީއެލް އަށް ބޮޑު އާމްދަނީއެއް ގެއްލޭނެއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެދިގެން އޮޑިޓަ ޖެނެރަލްގެ އޮފީހުން ހެދި ސީ ޕްލޭން ޓާމިނަލްއާ ގުޅޭ އޮޑިޓް ރިޕޯޓުގައި ބުނާ ގޮތުން މިހާރު އެމްއޭސީއެލް އިން މަޝްވަރާކުރަމުން އަންނަ ގޮތަށް މާކެޓް އަގަށްވުރެ ކުޑަކޮށް ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދީފިނަމަ، އަހަރަކު 44 މިިލިއަން ޑޮލަރު (632 މިލިއަން ރުފިޔާ)ގެ އާމްދަނީއެއް އެމްއޭސީއެލްއަށް ގެއްލިދާނެއެވެ.
އެހެންކަމުން އެއީ ބޭރުގެ ގައުމެއްގެ ބޮޑު ހިއްސާއެއް އަދި ދިވެހި އެންމެ ފަރުދެއްގެ ކުޑަ ހިއްސާއެއް އޮންނަ ޓީއެމްއޭ އަށް ސީޕްލޭން ޓާމިނަލް ހޯދައިދިނުމަށް އެމްއޭސީއެލްގެ މެނޭޖްމެންޓުން ނިންމާފައިވާ ބޮޑު ހިޔާނާތެއް ކަމަށް ބުނެ، މިހާރުގެ މާކެޓް އަގަށްވުރެ ކުޑަކޮށް ކުއްޔަށް ދޫކުރުން ހުއްޓުވައިދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވަނީ މައްސަލައެއް ހުށަހަޅައިފައެވެ.