ޚަބަރު

ޕާސްޕޯޓު ހިފަހައްޓަން އަމުރު ނެރެފައިވަނިކޮށް ދެ ބިދޭސީން ފުރުވާލީ މިދިޔަ އަހަރު: ހަނަފީ

އާނިފާ ހުސެއިން ސިރާޖް

ޕާސްޓްޕޯޓު ހިފެހެއްޓުމަށް ކޯޓުން އަމުރު ނެރެފައިވާ ދެ ބިދޭސީއަކު ފުރުވާލީ މިދިޔަ އަހަރު ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވެއްޖެއެއެވެ.

ހަނަފީ މިހެން ވިދާޅުވީ، ބަންގުލަދޭޝްއަށް ނިސްބަތްވާ ދެ މީހެއްގެ ޕާސްޓްޕޯޓު ހިފެހެއްޓުމަށް ކުރިމިނަލް ކޯޓުން އަމުރު ނެރެފައިވަނިކޮށް އެމީހުން ރާއްޖެއިން ފުރުވާލި މައްސަލަ ބެލުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނޭޝަނަލް އިންޓަގްރޭޝަން ކޮމިޝަން (އެންއައިސީ)އަށް އިއްޔެ ހުށަހެޅުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ހަނަފީ ވިދާޅުވީ އެއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހިނގާފައިވާ ކަމެއް ކަމަށެވެ. އަދި އެފަދަ މައްސަލަތައް ހައްލުކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ފުރިހަމަ އެއްބާރުރުން އިމިގްރޭޝަނުން ދޭނެ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް އެދެމީހުން ފުރުވާލީ ނޮވެމްބަރު މަހުގެ ކޮން ދުވަހެއްގައި ކަމެއް ހަނަފީ ވިދާޅެއް ނުވެއެވެ.

ޕީޖީ އޮފީހުން ބުނީ، ރާއްޖެއިން ފުރުވާލި ބަންގުލަދޭޝްގެ ދެ މީހުންނަކީ ކުރިމިނަލް ކޯޓުގައި އޮތް މަސްތުވާތަކެތި އެތެރެ ކުރުމުގެ މައްސަލައެއްގައި ޕާސްޕޯޓު ހިފެހެއްޓުމަށް ކޯޓުން އަމުރުނެފައިވާ ދެމީހުން ކަމަށެވެ.