މިއަހަރުގެ ތެރޭގައި މޯލްޑިވްސް އިމިގްރޭޝަނުން ހާސިލުކުރި ކާމިޔާބީތައް ފާހަގަކުރުމުގެ ގޮތުން "ކަށަވަރު 2019"ގެ ނަމުގައި އިމިގްރޭޝަންގެ އޮފިސަރުންނާއެކު ހާއްސަ ހަފުލާއެއް ބާއްވައިފިއެވެ.
ގިނަ އަަދަދެއްގެ އޮފިސަރުންނާއެކު އިމިގްރޭޝަނުގެ ހެޑް އޮފީހުގައި އިއްޔެ ބޭއްވި ހަފުލާގައި މިއަހަރުގެ ތެރޭގައި އިމިގްރޭޝަނުން ހާސިލުކުރި ކާމިޔާބީތައް ދައްކުވައިދޭ އެނިމޭޓެޑް ވީޑިއޯއެއް އިމިގްރޭޝަނުގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވަނީ ޝާއިއުކޮށްފައެވެ.
އެ ވީޑީއޯއިން ދައްކުވައިދޭ ގޮތުން، ހިދުމަތްތައް ލާމަރުކަޒީ ކުރުމުގެ ގޮތުންނާއި ރައްޔިތުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުންނާއި ހިދުމަތާމެދު ރައްޔިތުންގެ އިތުބާރު ހޯދުމުގެ ގޮތުގެ އިތުރުން ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުންނާއި ބޯޑާ ސެކިއުރިޓީ ހަރުދަނާ ކުރުމުގެ ގޮތުން އަދި އިންސާނީ ވަސީލަތް ކުރިއެރުވުމުގެ ގޮތުން މިއަހަރުގެ ތެރޭގައި މައިގަނޑު 14 ކަމެއް އިމިގްރޭޝަނުން ވަނީ ހާސިލުކޮށްފައެވެ.
އިމިގްރޭޝަނުން 2019 ވަނަ އަހަރު ހާސިލުކޮށްފައިވާ މުހިންމު ކަންތައްތައް:
1. އީމެއިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހަޅައި، އޮންލައިންކޮށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމުކުރުން
2. އިމިގްރޭޝަނުގެ ތަފާސްހިސާބު ޝާއިއުކުރަން ފެށުން
3. ގަން އިންޓަނޭޝަނަލް އެއާޕޯޓުން ބިޒްނަސް ވިސާ އަދި އަލަށް މަސައްކަތް ކުރުމަށް އަންނަ ބިދޭސީންނަށް ރާއްޖެ އެތެރެވެވޭނެ އިންތިޒާމު ހަމަޖެއްސުން
4. ބިޒްނަސް ވިސާގެ ހިދުމަތް 48 ގަޑިއިރުގެ ތެރޭގައި ދޭން ފެށުން
5. އިންސާނީ ވަގުފާރިއަށް ތުހުމަތުކުރެވޭ 27 މައްސަލައެއް ތަހުގީގީ އިދާރާތަކަށް ފޮނުވުން
6. އިމުގްރޭޝަނުގެ ހިދުމަތް ލާމަރުކަޒި ކުރުމުގެ ގޮތުން ހއ. އަތޮޅުގައި އިމިގްރޭޝަނުގެ އޮފީހެއް ގާއިމުކުރުން
7. ބޯޑާ ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ''ޑޮކިއުމެންޓް އެގްޒެމިނޭޝަން ލެބް"އެއް ގާއިމުކުރުން
8. ސީޕޯޓު ކުލިއަރެންސް ދިނުމަށް ބޯޑާ ކޮންޓްރޯޅު މޯބައިލް ސިސްޓަމެއް ތައާރަފުކޮށް ބޭނުންކުރަން ފެށުން.
9. "އެން-ރޫޓް ކުލިއަރެންސް" ހިދުމަތް ދޭން ފެށުން (ފަސޭހަ ހިދުމަތެއް ދިނުމުގެ ގޮތުން ކަނޑުމަގުން ރާއްޖެ އަންނަ ޕަސެންޖާ ލައިނާތައް ރާއްޖެ އައުމަށް ފުރާ އެންމެ ފަހު ބަނދަރަށް އިމިގްރޭޝަން އޮފިސަރުން ގޮސް، އެ ބަނދަރަކުން ބޯޓަށް އަރައި ރާއްޖެ އައުމުގެ ދަތުރުމަތީގައި ފަޅުވެރިންނާއި ފަތުރުވެރިންނަށް ކުލިއަރެންސް ދިނުން)
10. އޮންލައިން ވޯކު ވިސާގެ ހިދުމަތް ތައާރަފުކުރުން.
11. ފަސޭހަކަމާއެކު މައުލޫމާތު ފޯރުކޯށްދިނުމަށްޓަކައި ކޯލް ސެންޓަރުގެ ހިދުމަތް ތައާރަފުކުރުން
12. "ރަށުން"ގެ ނަމުގައި އިމިގްރޭޝަންގެ ހިދުމަތްތައް ލާމަރުކަޒީ ކުރުމުގެ ގޮތުން ރަށްރަށުން ޕާސްޕޯޓުގެ ހިދުމަތަށް އެދި ހުށަހެޅޭނެ ނިޒާމެއް ގާއިމުކުރުން
13. އިންސާނީ ވަސީލަތް ހަރުދަނާކުރުމުގެ ގޮތުން 25 އޮފިސަރަކަށް، ޑިގްރީ އަދި މާސްޓާސް ފެންވަރަށް މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ހޯދައިދިނުން
14. އިމިގްރޭޝަންގެ މަސައްކަތްތަކާއި ގުޅުންހުރި ހަތް ދާއިރާއަކުން، ޖުމްލަ 131 އިމިގްރޭޝަން އޮފިސަރުންނާއި އިމިގްރޭޝަނާއި ގުޅުންހުރި މަސައްކަތްތައް ކުރާ އޮފިސްތަކުގެ 48 ބޭފުޅުންނަށް ތަމްރީނު ދިނުން.
އިއްޔެގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮންޓްރޯލާ ޖެނެރަލް އަދި ޑެޕިއުޓީ ކޮންޓްރޯލާ ވަނީ އެ ކާމިޔާބީތައް ހާސިލުކުރުމުގައި އިމިގްރޭޝަންގެ އިސްވެރިންނާއި އޮފިސަރުން ކުރެއްވި ބުރަ މަސައްކަތާއި ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ. އަދި އަންނަ އަހަރު އިތުރު ކާމިޔާބީތައް ހާސިލުކުރުމަށް ތަސައްވަރުކުރާ ކަމާއި އެކަންތައްތަކާއެކު އިމިގްރޭޝަންގެ ހިދުމަތްތައް އިތުރަށް ލާމަރުކަޒީ ކުރެވި، ހިދުމަތް ހޯދާ ފަރާތްތަތަކަށް ލުއި ފަސޭހަ ވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.